ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ، ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިއާއިން ހައްޔަރުކޮށް ނުހައްގުން ޖަލަށްލީ ކެރެލާ ފުލުހުންގެ ސްޕެޝަލް ބްރާންޗުގެ ކުރީގެ އޮފިސަރެއްގެ ޖިންސީ އެދުންތަކަށް ދެކޮޅުހެދުމުން، އެމީހުންގެ މައްޗަށް ދޮގު ތުހުމަތުތަކެއް ކޮށްގެން ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފިއެވެ.

އިންޑިޔާގެ ކެރެލާ ސްޓޭޓުން 1994 ވަނަ އަހަރު ފައުޒިއްޔާ އާއި ރަޝީދާ ހައްޔަރުކުރީ އިންޑިޔާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ)ގެ ސައިންސްވެރިއެއް ކަމަށްވާ ނަމްބީ ނާރަޔަނަންއާއެކުއެވެ. އެމީހުންނަށް ތުހުމަތުކޮށްފައިވަނީ ނާޔަރަނަން މެދުވެރިކޮށް، އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރަށް ހޯދައިދީ އެ ސިއްރުތައް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް މައުލޫމާތު ދޭން އުޅުނު ކަމުގެ ތުހުމަތެވެ.

އެތިން މީހުން ހައްޔަރުކޮށް ޖަލަށްލާ ނުހައްގުން އެތައް އަނިޔާތަކެއް ވަނީ ކޮށްފައެވެ. އެ މީހުން ޖަލުން ސަލާމަތްވެފައިވަނީ 2 އަހަރު ފަހުންނެވެ. އެއީ އިންޑިޔާގެ މަރުކަޒީ ތަހުގީގީ އިދާރާ ކަމުގައިވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ ތަހުގީގުން މި މުޅި މައްސަލައަކީ ކެރެލާގެ ފުލުހުން އުފަންކުރި އަސްލެއް ނެތް މައްސަލައެއްކަން ހާމަވުމާ ގުޅިގެންނެވެ.

މި ކަމާ ގުޅިގެން ފައުޒިއްޔާ އޭރުވެސް ބުނެފައިވަނީ އެއީ ދޮގު ތުހުމަތެއް ކަމަށާއި ޖަލުގައި ބަންދުކޮށްގެން ތިން އަހަރު ވަންދެން ގެންގުޅުނު އިރު ތުހުމަތުތަކަށް އިއުތިރާފްވީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާދީ އަދި އޭނާގެ ދަރިފުޅު ހައްޔަރުކޮށް ރޭޕްކުރާނެ ކަމުގެ ބިރު ވެސް ދެއްކުމުން ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ކެރަލާ ސްޓޭޓްގެ ފުލުހުން އަމަލުކުރި ގޮތް ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސީބީއައިއަށް އެންގިއެވެ. އެ އަހަރު ސީބީއައި އިން ކުރި ތަހުގީގަށް ރަޝީދާއާ ސުވާލު ކުރުމަށް ސީބީއައިގެ ޓީމެއް ރާއްޖެ އަށް ވެސް އައެވެ.

މިދިޔަ ހަފްތާގައި އިންޑިއާގެ ސުޕްރީމް ކޯޓުގެ އަމުރަކަށް ކުރި ތަހުގީގަށް ފަހު ސީބީއައި އިން ޓްރިވެންޑްރަމްގެ ކޯޓެއްގައި މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން އޭރު ސްޓޭޓް ފުލުހުންގެ ސްޕެޝަލް ބްރާންޗްގެ އޮފިސަރެއްގެ ގޮތުގައި ހުރި އެސް ވިޖަޔަން ޓްރިވެންޑްރަމްގެ ހޮޓަލެއްގައި ރާއްޖޭގެ އަންހެނަކާ ބައްދަލުކޮށް ޖިންސީ އެދުންތަކެއް ހާސިލްކުރުމަށް ހުށަހެޅިކަމަށާއި، ވިޖަޔަންގެ އެދުމަށް ދިވެހި އަންހެން މީހާ އިންކާރުކުރުމުން ހޮޓަލުގެ ކޮޓަރިން ވިޖަޔަން ނުކުތް ކަމަށް ދައުވާގައި ވެއެވެ.

ނަމަވެސް އޭނާ ފަހުން ވަނީ ދިވެހި އަންހެން މީހާގެ މައުލޫމާތު އެއްކޮށްފައި ކަމަށާއި ދިވެހި އަންހެން މީހާ އާއި އިސްރޯގެ ސައިންޓިސްޓް ޑީ ސަސީކުމާރަންއާ ފޯނުން ވާހަކަ ދައްކާފައިވާކަން އެ ހިސާބުން އޭނާ އަށް އެނގުނު ކަމަށެވެ. އެކަން އެނގުމާ އެކު ޖާސޫސްުކުރުމުގެ ތުހުމަތު އުފެއްދީ ދޮގު ވާހަކަތަކެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރި ފައުޒިއްޔާ ހަސަން ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހު ނިޔާވެފައެވެ. އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ހައްދު"، "ވާ ލޯބި އެނގޭ ނަމަ"، "ދިން ވޭނުހެ ހިތާމައިގައި"، "ދޮންކަމަނަ"، "ލޯތްބަށްޓަކާ" އަދި "ޔޫސުފް" ފަދަ އެތައް ފިލްމެއް ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2021 ވަނަ އަހަރު ބައިސްކޯފުން ސްޓްރީން ކުރި މަދޮށިޕްގެ "ފަރީ" އިންނެވެ.