އެމެރިކާއާ ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މިނިސްޓަރުގެ މި ދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.
މިނިސްޓަރު ސައީދު ވަނީ އެމެރިކާގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާ ޗެމްބާ އޮފް ކޮމާސްގެ ފަރާތުން އިންތިޒާމުކުރި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. މިބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އިގުތިސާދީ ތަސައްވުރު ހުށަހަޅައި، އެމެރިކާ ސަރުކާރުގެ އެއްބާރުލުން ހޯދާފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދު އިންވެސްޓްމަންޓް މާހައުލު އިތުރުކުރުމަށް ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީ ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލި އަޅުއްވާލާފައެވެ.
މީގެއިތުރުން މި ބައްދަލުކުރުމުގައި ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތި ހާލަތުން އަރައިގަނެ ވިޔަފާރިތައް ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މިދަތުރުގައި ޓްރޭޑް ރެޕުންނާއި، އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވަންވެސް ވަނީ ހަމަޖެހިފައެވެ.
ދާދިފަހުންވެސް ސައީދު ވަނީ ވިޔަފާރީގެ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. ކޮމަންވެލްތު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގަތުމަށް މިދިޔަ މެއި މަހު ކުރެއްވި އެ ދަތުރުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާ ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި އިނގިރޭސިވިލާތުގެ މާލީ ހިދުމަތްދޭ ކުންފުނިތަކާއެކު ރަސްމީ މަސައްކަތުގެ ގުޅުން ގާއިމުކޮށް, ގާނޫނީ އޮނިގަނޑު ޒަމާނީ ކުރުމުގެ އިތުރުން މާލީ ދާއިރާގެ އިންފްރަންސްޓްރަކްޗާގެ އިތުރުުން ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ގަވަނަންސް، ސްޓްރެޓެޖީ އެންޑް އޮޕަރޭޝަންސް ފްރޭމްވޯކެއް އެކުލަވާލުން ހިމެނެއެވެ.
މީގެ އިތުރުންވެސް މި ދަތުރުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ އޮފިޝަލުންނާއި ހައުސް އޮފް ލޯޑްސްގެ އިތުރުން އެ ގައުމުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސާވިސަސް އިންޑަސްޓްރީގެ މަންދޫބުންނާ މިނިސްޓަރު ވަނީ ބައްދަލު ކުރައްވާފައެވެ.
އަދި މިދިޔަ ޖޫންމަހުވެސް މިނިސްޓަރު ވަނީ ޗައިނާގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އާއެކު މުހިންމު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.