ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ޝަމްނާޒުގެ އިތުރުން 2 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ޝަމްނާޒް އާއި އޭނޭގެ ކޮއްކޮ ހައްޔަރު ކުރިފަހުން މިއީ ބަންދުގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރުއެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތަކަށް އެ ދެ މީހުން ބަންދުކޮށްފައެވެ.

އަދި ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ފަސް ދުވަހަށް އިތުރު ކޮށްދީފައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަންވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަތަމަ ބަހައްޓާފައި ހުރީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަރިހުގައި މުލީއާގޭގައެވެ.

މި މައްސަލައާއި އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޝަމްނާޒް ވަނީ ވަކިކޮށްފައެވެ. މި ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ ސިހުރު ހަދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓައް ލިބުނު މައުލޫމާތުގެ އަލީގެ މައްޗަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

ޝަމްނާޒް އާއި އޭނާގެ ކޮއްކޮގެ މައްޗަށް ތުހުމަތު ކުރަމުންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދިކަމަށް އަޑިުފެތުރިފައިވީ ނަމަވެސް ދާދިފަހުން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅީ ރައީސް އާއި އެމަނިކުފާނުގެ އާއިލާއަކުން ނޫނެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވިދާޅުވީ ސިހުރުގެ މައްސަލައާއި ގުޅުވާ ރައީސް އާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް ކަމަށެވެ.