ހުޅުމާލެ ފޭސް 1 ގައި ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕްގެ ހިދުމަތް ދެމުން ގެންދިޔަ 8 ބިދޭސީއަކު ފުލުހުން އަތުލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ބިދޭސީންތައް މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުޅުމާލެ ފޭސް 1 ގައި ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މީގެއިތުރުން މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުވެސް ވަނީ މަޖީދީމަގުގައި ހުންނަ ހާފް ޕްރައިސް ކިޔާ ތަރުކާރީ ފިހާރައެއް ފުލުހުން ބަލާ ފާސްކުރުމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ 50 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލް ދެމުން ފުލުހުން ބުނީ، މި އޮޕަރޭޝަން އަކީ އިމިގްރޭޝަންގެ އިސް ނެގުމުގެ މަތިން ހިންގާ އޮޕަރޭޝަން އެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް ހާމަކޮށްފައެވެ. އެގޮތުން ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ގައުމީ ހަރަކާތެއް މިދިޔަ މެއި މަހުގެ 2 ގައި ކ. ހިންމަފުށިން ވަނީ ފަށަފައެވެ. މެއި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންިދޔަ މި އޮަޕަރޭޝަންގައި ވަނީ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.

މި ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.