މާފަންނު އޭޓީއެމް ކައިރީގައި ޑޮލަރު ވިއްކަން އުޅުނު 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މި 2 މީހުން ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ރޭ އިރާކޮޅު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އިމިގްރޭޝަނުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ އިތުރު ތަހުގީގަށް ކަމަށެވެ. އަދި އެއީ ބަގްލަދޭޝްއަށް ނިސްބަތްވާ 2 މީހުން ކަމަށާއި އެ މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު 6 މީހަކު އަތުލައިގަނެ ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ 6 މީހުންނަކީ ވެސް ބަގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށާއި އުޅެމުން އައީ ގަވާއިދާ ހިލާފަށްކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައިގައި އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަން ފަށާފައި ވާއިރު، މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައްކަން ފާހަގަ ކުރެވެއެވެ. މިފަދަ ފަރާތްތައް އަތުލައިގަތުމަށް އިތުރު އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހިންގާނެ ކަމަށް އިމިގްރޭޝަން އިން ވަނީ މީގެކުރިން ބުނެފައެވެ.