ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ލެފްޓްނެންޓް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ތޯހާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ގ. ކަނޑިތޮޅިއާގެ އަބްދުއްރަހީމް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ. މި އަބްދުއްރަހީމްއަށް ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ރިޓަޔާ ކުރައްވާފައި ވަނީ އޭނާގެ އުމުރުން 60 އަހަރު ފުރުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހުއެވެ. 1985 ފެބުރުވަރީ 18 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި އަބްދުއްރަޙީމް ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ.

ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެ ޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް އަބްދުއްރަހީމް ވަނީ ފުރުއްވާފައެވެ.

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަނާ ސަފީރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި، ތޯހާ އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވެސް ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.

ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރަކަށް ތޯހާ އައްޔަން ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް މީގެކުރިން ވަނީ މަޖިލީހަށް ފޮނުވާފައެވެ. އަދި އޭނާ އެ މަގާމަށް ކަނޑައެޅުމަށް މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތޯހާ ޕާކިސްތާނުގެ ސަފީރުގެ މަގާމަށް އައްޔަން ކުުރުމަށް އަލުން މަޖިލީހަށް ނަން ފޮނުއްވާފައެެވެ.