ރައިސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެއިން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަހަކު 50،000 ރުފިޔާ ދޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ދޮގު ކުރައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވަނީ މުލިއާގެއިން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނަށް މަހަކު 50،000 ރުފިޔާ ލިބިވަޑައިގަންނަވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ފަދައިން ފައިސާ ދެމުންދަނީ މަޖިލިސް މެންބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައި ވެއެވެ.

ޕާޓީ ސިސްޓަމެއްގައި މަޖިލިސް ތެރެއިން ސަރުކާރު ދިފާއު ކުރުމާއި ސަރުކާރު ބޭނުންވާ ކަންކަން ޕްރޮމޯޓުކުރުމުގެ ކަންކަން އޮގަނައިޒްވެގެން ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވި ނަމަވެސް މެންބަރުންނަށް ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000ރ. ދޭ ކަމަށް. އެހެންވީމަ، އޭގައި ޖެހިފައި ތިބިނަމަ، އެބޭފުޅުން ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް، ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކަ. ރީތިކޮށް ބުނި ގޮތަކަށް ހައްދަވަން ތިއްވަން ވީ ނޫންތޯ،"
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

އަދި މަޖިލީހުގެ މަސައްކަތްތައް ހިންގަން ޖެހޭނީ 'ސިދާ ރައީސް ބޭނުންވާ ގޮތަށް' ކަމަށް ކަނޑައަޅައިގެން ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމުގެ ތުހުމަތުވެސް ފައްޔާޒް ކުރައްވާފައި ވެއެވެ.

އެވާހަކަތައް ދޮގު ކުރައްވަމުން ހީނާ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހީނާ ހިއްސާކޮށްފައި ނުވެއެވެ.

މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވަ އެވެ. އަދި މަޖިލީހުގެ ކޮންމެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 86،000ރ. ލިބިވަޑައިގަންނަވާނެ އެވެ.