އަމިއްލަ ވިޔަފާރި ކުރަމުންދާ ބިދޭސީން ރާއްޖެއިން ޑީޕޯޓް ކުރާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުގެ މަތިން މާލޭ މަޖީދީމަގުގައި ހުންނަ ހާފް ޕްރައިސް ކިޔާ ތަރުކާރީ ފިހާރައަށް ރޭގެ ވަގުތެއްގައި ފުލުހުން ވަދެ ގަވާއިދާ ހިލާފަށް ފިޔަފާރިކުރަމުންދިޔަ 50 ބިދޭސީއަކު އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
އެ އޮޕަރޭޝަނާ ގުޅިގެން ޝަމްއާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ 50 މީހުންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރި ހިންގާ މީހުން ދެނެގަނެވިފައިވާ ކަމަށާއި އެ އެންމެން ރާއްޖެއިން ޑީޕޯޓް ކޮށްލާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ގައުމީ ހަރަކާތެއް މިދިޔަ މެއި މަހުގެ 2 ގައި ކ. ހިންމަފުށިން ވަނީ ފަށަފައެވެ. މެއި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންިދޔަ މި އޮަޕަރޭޝަންގައި ވަނީ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.
މި ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.