މާލޭގެ އެކި ސަރަހއްދުތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ 50 ބިދޭސިއަކު އިމިގްރޭޝަންއާ ހަވާލު ކޮށްފިއެވެ.
މަޖީދީމަގުގައި ހުންނަ ހާފް ޕްރައިސް ކިޔާ ތަރުކާރީ ފިހާރައަށް މިރޭގެ ވަގުތެއްގައި ފުލުހުން ވަދެ އެތަން ބަލައި ފާސްކޮށްފައިވާ އިރު، މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ ގާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން 50 ބިދޭސީން މިއަދު ވަނީ އިމިގްރޭޝަންއާއި ހަވާލުކޮށްފައި ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލް ދެމުން ފުލުހުން ބުނީ، މި އޮޕަރޭޝަން އަކީ އިމިގްރޭޝަންގެ އިސް ނެގުމުގެ މަތިން ހިންގާ އޮޕަރޭޝަން އެއް ކަމަށެވެ. އެގޮތުން މިއަދު ބަލައި ފާސްކޮށްފައި ވަނީ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހިންގާ މާރުކޭޓު ތަކާއި މާލޭ އެކި ސަރަހައްދުތަކުން ކަމަށް ފުލުހުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ގައުމީ ހަރަކާތެއް މިދިޔަ މެއި މަހުގެ 2 ގައި ކ. ހިންމަފުށިން ވަނީ ފަށަފައެވެ. މެއި މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންިދޔަ މި އޮަޕަރޭޝަންގައި ވަނީ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.
މި ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމެވެ. ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.