މާފުށީ ޖަލުގައި ބަންދުގައި ހުއްޓާ އިއްޔެ ނިޔާވި މުހައްމަދު ޖަމީލް ފަހު ވަގުތާ ޖެހެންދެން ހުރީ ނަމާދަށް ކަމަށާއި، ޖަމީލް ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އާއިލާގެ ރުހުން އޮތް ނަމަ، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ.

އުމުރުން 45 އަހަރުގެ ޖަމީލް ގޮޅިން ނުނިކުމެ، ހަރަކާތްނުކޮށް ގިނައިރު އޮތްކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމުން ވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު 12:13 ހާއިރު ގެންގޮސް ވަނީ ފަރުވާދީފައެވެ. ޖަމީލް ބެއްލެވި ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުނީ، ޖަމީލްގެ ހިތްހުއްޓިފައިވާ ކަމަށާއި، ބައިގަޑިއިރު ފަހުން ނިޔާވެފައިވާ ކަމަށެވެ.

ޖަމީލް ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމާއި، ގަސްދުގައި އޭނާ އަށް ފަރުވާނުދީ ބޭއްވީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖަމީލްގެ މޫނުމަތިން އަނިޔާގެ ނިޝާންތައް ފެންނަ ފޮޓޮއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ، ޖަލުތަކުގައި ގައިދީން ނިޔާވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކަރެކްޝަންސްގެ އިންސްޕެކްޓަރު އަބަދު ވެސް މިނިވަން ތަހްގީގެއް ހިންގާ ކަމަށާއި، އިތުރަށް ޝައްކު އުފެދޭނަމަ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިނިވަން ތަހްގީގެއް ހިންގާ ކަމަށެވެ.

އޭނާ ވިދާޅުވީ، އާއިލާގެ ރުހުން އޮތް ނަމަ ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

ޖަމީލް ހުރީ އެންމެ ފަހު ވަގުތު ވެސް ނަމާދަށް ކަން، ޖަލުގައި ހުރި ސީސީޓީވީ ކެމެރާތަކުން ހާމަވާ ކަމަށާއި، ޖަލު އޮފިސަރުން ހެނދުނު ގޮޅިތައް ބަލައި ފާސްކުރަމުން ދިޔަ ވަގުތު ޖަމީލް ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖަމީލް ނިޔާވި މައްސަލަ ތަހްގީގުކުރާ ހުރިހާ އިދާރާތަކަށް ސީސީޓީވީ ފުޓޭޖުތައް ހިއްސާކުރާނެއެވެ.