ދައުލަތުގެ ހަރަދު ކުޑަ ކުރަން އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ފިޔަވަޅުތަކަކީ ގައުމީ ވިސްނުމަކުން ވިސްނަވާ ނިންމެވި ނިންމެވުމެއް ކަމަށް ޕީއެންސީއިން ބުނެފިއެވެ.

ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް ރައީސް މުއިއްޒު، އަޅުއްވަން ނިންމެވުމާ ގުޅިގެން ޕީއެންސީއިން ވަނި ރައީސްއަށް މަރުހަބާ ދަންނަވާފައެވެ.

ޕީއެންސީއިން ބުނީ ރައްޔިތުންނަށް އެ ފިޔަވަޅުތަކުގެ ސަބަބުން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ގަބޫލުކުރާ ކަމަށެވެ.މި ކަމުގައި ރައީސްއާއެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ޕީއެންސީއިން ވަނީ ދީފައެވެ.

ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.