ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ވަސީލަތްތަކާ އެކު އާ ފަޔާ ސްޓޭޝަނެއް އިއްޔެ ހުޅުވައިފިއެވެ.

އެއާޕޯޓުގައި އަލަށް ތަރައްގީކުރި 'ކޯޑް އެފް ރަންވޭ' ކައިރީގައި އިމާރާތްކުރި މި ފަޔާ ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.

މި ފަޔާ ސްޓޭޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އަލަށް ހުޅުވުނު ފަޔާ ސްޓޭޝަންގެ ސަބަބުން އަލިފާނުގެ ހާދިސާތަކަށް ރެސްޕޮންޑުކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

އެމްއޭސީއެލުން ބުނީ، މި ފަޔާ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އެއާޕޯޓް ފަޔާ ރެސްކިއުގެ ކެޓަގަރީ 9 ގެ އެއާޕޯޓް ޝަރުތުތައް ފުރިހަމަވެ، އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުޅުވިގެން ދިޔަ ސްޓޭޝަނެއް ކަމަށެވެ.

އެއާޕޯޓްގެ ބެލެނިވެރި ކުންފުނިން އިތުރަށް ބުނި ގޮތުގައި، ޒަމާނީ ވަސީލަތްތައް ގާއިމްކުރެވިފައިވާ، 2.23 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ މި ސްޓޭޝަނަކީ ރަންވޭ އާއި އިރުމަތީ އޭޕްރޮނާއި ވޯޓާ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ސްޓޭޝަނެކެވެ. ދެ ފަންގިފިލާ ހިމެނޭ މި އާ ފަޔާ ސްޓޭޝަންގައި ތަމްރީނުތަކުގައި ބޭނުންކުރާނެ ތަނަކާއި ކޮންޓްރޯލް ސެންޓަރެއް ވެސް ހިމެނޭ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން އެ ފަޔާ ސްޓޭޝަންގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަ ޖާގައެއް ހަދައި، އުޅަނދުފަހަރަށް ފަސޭހައިން ފެން ރީފިލްކުރެވޭނެ ޓޭންކެއް ވެސް ބަހައްޓާފައިވެއެވެ.

އާ ފަޔާ ސްޓެޝަނުން ހިދުމަތް ދޭން ފެށި ނަމަވެސް، ކުރީގައި ބޭނުންކުރާ ފަޔާ ސްޓޭޝަނުން އަދިވެސް ހިދުމަތް ދެމުން ގެންދާނެ ކަމަށާއި، އެގޮތުން ޓެކްސީވޭ އާއި ހުޅަނގު ފަރާތު އޭޕްރޮނާއި އޮފީސް އިމާރާތްތަކުގެ އިމަޖެންސީގައި ހަރަކާތްތެރިވަމުން ދާނީ ކުރީގެ ފަޔާ ސްޓޭޝަނުން ކަމަށް، އެމްއޭސީއެލުން މައުލޫމާތު ދެއެވެ.