ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ އިރު ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށެވެ.
މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ކަމަށް މިރޭ ރައީސް ވިދާޅުވިއެވެ.
"މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ"
ފަތުރުވެރިކަމުގެ ދާއިރާގައި މި ދުވަސްވަރަކީ ލޯ ސީޒަން [ފަތުވެރިން އައުން މަދު ދުވަސްވަރު] ކަމަށް ވުމާއި އަދި ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ހަނިވެފައި ވާ އިރު, މުވައްޒަފުންގެ މުސާރަ ފަދަ ރިކަރަންޓް ހަރަދުތައް އިތުރުވެގެން ދިޔުމަކީ މާލީ އިދާރާތަކުގެ ކަންބޮޑުވުމެވެ.
ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރުވެސް ވިދާޅުވެފައި ވަނީ, ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެމަގަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކުރެވޭ އެއްކަމެއްގެ ގޮތުގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ޕާފޯމަންސަށާއި މަސައްކަތުގެ ބޭނުމަށް ބަލައި ބައެއް މުވައްސަސާތަކުން މިހާރުވެސް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފެށިފައިވާ ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. އެފަދަ އެއް މުވައްސަސާ އަކީ އާރުޑީސީއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ މަސައްކަތްތައް ހުއްޓާލަން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.
އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓާނަލް މެމޯއެއްގައި ބުނީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމެއްގައި އެ ކުންފުނީގެ ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ މަސައްކަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބޭނުންކުރަން ނިންމާފައިވާ ބިމަކަށް ވުމާއެކު އެ ފެސިލިޓީގައި ހިންގަމުން ދިޔަ ވިޔަފާރި އަކީ ގެއްލުމުގައި ކުރާ ކަމަކަށް ވުމުން ކަމަށް އެ މެމޯގައި ބުނެފައި ވެއެވެ.