އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވާން ޖެހޭނީ ރަށުގެ ކަންތައްތަކުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ކައުންސިލަށް ލަފާދޭން އޮންނަ ތަނަކަށް ކަމަށް އެލްޖީއޭ އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަމުން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވަކިން އޮންނަ އޮތުން އުވާލަންޖެހޭކަމަށެވެ. އަދި އެކޮމިޓީތައް ލޯކަލް ކައުންސިލްތަކުގެ ދަށަށް ގެންނަންޖެހޭކަން ހާމަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މިކަން އޮންނަ އުސޫލުކަމަށެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބޭނުމަކީ ރައްޔިތުން ފުޅާ ދާއިރާއެއްގައި ޝާމިލްވާހެން މަޝްވަރާކޮށް، ކައުންސިލަށް ގޮތް ނިންމުމުގައި ލަފާ އެރުވުންކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރަން ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ލަފާދީފައިވާނެކަމަށެވެ.

އެގޮތުން އޭރު އެލްޖީއޭއިން ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އަންހެނުންގެ ކޮމިޓީ ވަކިން އިންތިހަބު ނުކުރުމަށާ، ކައުންސިލްގެ ދަށަށް އެ ކޮމިޓީތައް ބަދަލުކުރުން ހިމެނެއެވެ. އަދި ކައުންސިލަރުން އިންތިހާބުކުރާއިރު ވަކި އަދަދަކަށް އަންހެނުންނަށް ގޮނޑި ހާއްސަކުރުމަށްވެސް ވަނީ ލަފަދީފައެވެ. އެހެންނަމަވެސް އޭރު މަޖިލީހުން ގާނޫނަށް އިސްލާހު ގެނައީ އެލްޖީއޭއިން ހުށައެޅިި ގޮތަށް ނޫންކަން ޝަރީފް ވިދާޅުވިއެވެ. އިންތިހާބީ ދެ ގޮނޑިއެއް އޮންނަނަމަ ގިނަ މައްސަލަތައް ކުރިމަތިވާނެކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އިންތިހާބީ ދެ ގޮނޑި އޮންނަނަމަ ވަސީލަތްތަކަށް މިލްކުވެރިކަމަށް ކޯޅުން ކަމަށެވެ.