ދާދި ފަހުން އިންޑިއާގެ އާންމު އިންތިހާބު ބާއްވާއި މެންބަރުން ހުވާ ކޮށްފައިވާ އިރު, ތެލަންގަނާ އިން ހޮވުނު. އެމްޕީއަކު 'ޖައި ފަލަސްތީން' [ފަލަސްތީނަށް ކާމިޔާބު] ގޮވި މައްސަލައެއް ހޫނުވެއްޖެއެވެ.
އަސާސުއްދީން އޮވާސީ އަކީ ވެރިކަން ކުރާ ބީޖޭޕީއާ އިދިކޮޅު އެމްޕީންގެ ތެރޭގައި ހިމެނޭ އަދި މިފަހަރު މަޖިލީހަށް ހޮވުނު މުސްލިމް 15 އެމްޕީންގެ ތެރޭގައި ހިމެނޭ މީހެކެވެ.
މެންބަރުކަމުގެ ގާނޫނީ ހުވާ ކުރި ރަސްމިއްޔާތުގައި ހުވާގެ ގޮތުގައި އޭނާ ކިޔާފައިވަނީ އިންޑިއާގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއެކު އިންޑިއާގެ އިސްތިގުލާލާއި ކަރާމާތާއި މިނިވަން ދެމެހެއްޓުމަށެވެ. އޭގެ ފަހުން އަޑުހަރުކޮށް އޭނާ ކިޔާފައި ވަނީ 'ޖައި ބީމް, ޖައި މީމް, ޖައި ތެލަންގަނާ, ޖައި ފިލިސްތީން' އެވެ.
'ޖައި ބީމް' އަކީ އިންޑިއާގައި އެންމެ ނިކަމެތި ކޮށްލެވިފައިވާ ދަރިކޮޅު 'ދަލީތު' ދަރިކޮޅުގެ ބާނީ ބިމްރާއޯ އަމެކަރު އަށް އިޝާރާތް ކޮށް ކިޔާ އުޅޭ ޖުމްލައެކެވެ. 'ޖައި މީމް' އަކީ އޮވާސީ ނިސްބަތްވާ ޕާޓީ, 'އޯލް އިންޑިއާ މަޖިލީސް އޭ އިންތިހާދުލް މުސްލިމީން )އައިމިމް( އަށް ކިޔާ އާންމު ނަން 'މިމް' އަށް އިޝާރާތް ކޮށް ބުނި ބަހެކެވެ.
'ތެލަންގަނާ' އަކީ އޮވައިސީ ހޮވުނު ދާއިރާ ކަމުން އެދާއިރާގެ ކާމިޔާބަށް އެދި ބުނެފައި ވަނީ 'ޖައި ތެލަންގަނާ' އެވެ.
'ފިލިސްތީން' އަކީ ހިންދޫ އަދި އުރުދޫން ފަލަސްތީންގެ ނަން ކިޔާ ގޮތެވެ.
އޮވާސީ އެހެން ބުނުމާއެކު ބީޖޭޕީއަށް ނިސްބަތްވާ ބައެއް އެމްޕީން ވަނީ ހުވާ ކުރި ރަސްމިއްޔާތުގައި އަޑުގަދަކޮށް އަދި ވަކިން އެކިއެކި މީޑިއާތަކުގައި އޮވާސީ އަށް ރައްދުވާގޮތަށް ރުޅިވެރިކަން ފާޅުކޮށްފައެވެ. އެމީހުން ބުނީ އޮވާސީ ގާނޫނު އަސާސީ އާ ހިލާފުވެއްޖެ ކަމަށާއި އިންޑިއާގެ މައްޗަށް އޭނާ އެހެން ސްޓޭޓެއް އިސްކޮށްފި ކަމަށެވެ. އަދި މައްސަލަ ބަލަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އަދި އޭނާގެ މެންބަރުކަން ނިގުޅައިގަންނަން ޖެހޭނެ ކަމަށް ވެސް އިދިކޮޅު ބައެއް އެމްޕީން ބުނެފައި ވެއެވެ.
އިންޑިއާ އަކީ އިޒްރޭލާ ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވާ އިރު, އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުގައި އިންޑިއާ އިން ފޯރުކޮށް ދީފައިވާ ހަތިޔާރު އިޒްރޭލުން ބޭނުން ކުރާކަންވެސް ވަނީ ހާމަވެފައެވެ. އިންޑިއާގެ ނަން ޖަހާފައި ވާ ހަތިޔާރުގެ ބައިތައް ގާޒާއިން ފެނިފައި ވާ އިރު އެއީ އިޒްރޭލުން އަޅާފައިވާ ބޮމުގެ ބައިތަކެވެ.