ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާ ކޮށްފިއެވެ.

ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާ ކޮށްފައި ވަނީ 15 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި، ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ ޑާލިއަން ކޮންގްރެސް ހޯލުގައި ބޭއްވި ބައްދަލުވުމުގައިކަން އިކޮނޮމިކް މިނިސްޓްރީ އިން ފާހަގަ ކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޗައިނާގެ މިނިސްޓާ އޮފް ކޮމާސް ލޮން ވެންޓައޮ އާއި ބައްދަލުކުރައްވާ ފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިންއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރިއާއި އިގްތިސޯދާއި ގުޅުންހުރި މަޝްވަރާތަކުގައި ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށާއި ރާއްޖެއާއި ޗައިނާއާ ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް، ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތަށް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއެކު މިފަދަ ކަރަންސީ ސެޓަލްމެންޓް އެރޭންޖެމެންޓްތައް ހެދުމަކީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއްކަން އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަ ކޮށްފައެވެ.