މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އަވަސް ފިޔަވަޅު ތަކަކާއެކު ކުންފުނީގެ މިސްރާބު ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކުންފުނީގެ މާލީ ހާލަތު ބަޔާންކޮށް އެ މައުލޫމާތުތައް މީޑިއާ އާއި ހިއްސާ ކުރަމުން މިފްކޯއިން ބުނީ، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަޔާއި ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށެވެ.

ނަމަވެސް އެތައް އަހަރެއް ވަންދެން ކުންފުނި ދަރަނީގައި ހިންގުމުގެ ސަބަބުންނާއި، މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާ ވާންޖެހޭ ގޮތަށް ކުންފުނި ބައްޓަންކޮށްފައި އޮތުމުން މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯއިން ބުނި ގޮތުގައި ނުއަގުގައި މަސް ގަތުމުގެ ސަބަބުން ވާ ގެއްލުން ފޫބެއްދުމަށް 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި މުއްދަތުގެ ކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން ވަނީ މާފުކޮށްދީފައި ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދިނެވެ.

މީގެން އެއްވެސް ފައިސާއަކީ އިންވެސްޓު ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާ ނޫންކަން ފާހަގަ ކުރަމުން އެ ކުންފުނިން އިތުރަށް ބުނީ މި ފައިސާއިން ކުންފުންޏަށް ފައިދާއެއް ނުލިބުމުގެ އިތުރުން، މީގެތެރެއިން ބައެއް ފައިސާގެ އިންޓަރެސްޓުގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އަހަރަކު 56 މިލިއަން ރުފިޔާ ހޭދަވާ ކަމަށެވެ.

އަދި 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށް 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާ ކަމަށް ވެއެވެ. އަދި މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައި ނުވާ ކަމަށާއި 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ފަށައިގެން ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވޯކިންގް ކެޕިޓަލްއަށް ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި މި ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށް ވެއެވެ.

ކުންފުނި ދަރަނީގައި ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ހަރަދުތައް ރީސްޓްރަކްޗާކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަން ފާހަގަކޮށް އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާ ގުޅޭ މަސައްކަތްތައް ވެސް ހިނގަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.

މަސް ކިރާތާ 48 ގަޑިއިރުތެރޭ މަހަށްވާ ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނަމަވެސް، ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީފައި ނުވެއެވެ. އެކަމާ ގުޅިގެން މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

މަސްވެރިންނަށް ފައިސާ ދިނުމަށް ދަތި ވަނީ ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 851 މިލިއަން ރުފިޔާ ވަނީ ދޫކޮށް ހަލާސްކޮށްފައެވެ.