"މިހާރު" ނޫހުގެ އެޑިޓަރު، އިސްމާއިލް ނަސީރަށް ސްޓްރޯކެއް ޖެހި ފަރުވާ ދޭން ފަށައިފިއެވެ.

އިސްމާއިލް އަށް ސްޓްރޯކް ޖެހިފައި ވަނީ އިއްޔެ ހަވީރު ބ. އޭދަފުށީގައި ހުއްޓައެވެ.

ސްޓްރޯކް ޖެހުމާއެކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެއާ އެމްބިއުލާންސް ހަމަޖެހި މާލެ ގެނެވޭވަރުވީ ރޭ ދަންވަރު 1 ޖެހިއިރުއެވެ.

އޭނާ މިހާރު އޭޑީކޭގެ އައިސީޔޫގައި އޮތް އިރު، ޑޮކްޓަރުން ގެންދަނީ ޓެސްޓްތަކާއި ތަހުލީލުތައް ކުރަމުންނެވެ.

ކުރީގެ އެންމެ ބޮޑު ނޫސް 'ހަވީރު' އިން ނޫސްވެރިކަން ފަށައި އޭގެ ފަހުން 'މިހާރު' ގައި މަސައްކަތް ކުރަމުންދާ ނަސީރަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްވެސް މެއެވެ.

އެގޮތުން 2018 ވަނަ އަހަރު އޭނާ ވަނީ ނޫސްވެރިންގެ އަގު ވަޒަންކޮށް ދޭ "ރަން ގަލަން" އެވޯޑުވެސް ހާސިލް ކޮށްފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިމާނުވެސް ހާސިލު ކޮށްފައި ވެއެވެ.

"ދަ ޕްރެސް" ގެ މެނޭޖްމަންޓާއި މުޅި ޓީމުގެ ފަރާތުން އިސްމާއިލް ނަސީރަށް އަވަސް ޝިފާއަކަށް އެދެމެވެ.