ޕޭ ކޮމިޝަނުން، ކައުންސިލްތަކުގެ ދަރަޖަ 4 އިން 3 އަށް މަތިކޮށްފައި ވާކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

'ޕީއެސްއެމް' ގެ ޕްރޮގްރާމެއްގައި އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ހުށައަޅަމުންދާ އެއް ކަމަކީ ކައުންސިލްތަކުގެ ދަރަޖަ އޭރު އޮތް ގޮތުގެ ކަންބޮޑުވުންތައް ކަމަށެވެ. އަދި ކައުންސިލަރުންނަކީ ރައްޔިތުން ތަމްސީލްކުރުމަށް ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ބަޔަކަށްވުމާއެކު، ކައުންސިލްތަކުގެ ދަރަޖަ މަތިވާންޖެހޭނެކަމަށް މިނިސްޓަރެއްގެ ހައިސިއްޔަތުންވެސް ގަބޫލުކުރައްވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި، އެ ކޮމިޝަނުން މިހާރު ކައުންސިލްތަކުގެ ދަރަޖަ މަތިކޮށްފައިވާކަމަށެވެ، އެކަން ޕޭ ކޮމިޝަނުގެ ސިޓީއަކުން މިހާރު އެ މިނިސްޓްރީއަށް އަންގާފައިވާކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖަ ބަދަލުކުރުމުން، މުސާރަ އާއި އިނާޔަތްތަކަށް އަންނާނެ ބަދަލުތަކުގެ މަސައްކަތްވެސް ޕޭ ކޮމިޝަނުން މިހާރު ފަށާފައިވާކަމަށެވެ. އަދި އީދު ހަފްތާ ބަންދު ނިމުމުން އެ މިނިސްޓްރީން ޕޭ ކޮމިޝަނާ ބައްދަލުކޮށް، ސަރުކާރަށް ހުށައަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލްތައް ހިންގާ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދެނީ އިދާރީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތަކާއެކު ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖައަށް ގެނައި ބަދަލުގެ ކުރިއެރުން ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިބޭނެކަމަށެވެ. އަދި އުއްމީދަކީ މި ބަދަލާއެކު މުސާރައިގެ މައްސަލައަށްވެސް ހައްލު ލިބިގެން ދިއުންކަމުގައި އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.