އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ 'އައްޑޫ އީދި ސަމާ 1445' ފަށައިފިއެވެ.

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފޯރިގަދަ ހަރަކާތްތައް މިރޭ ފަށާފައިވަނީ ލެންޓާންސް އާއި ބޮޑުބެރުގެ ހަރަކާތްތަކާއެކު އީދި މަޅި ލުމުންނެވެ. އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައިވެސް އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ސްކެޔާގައި ބޭއްވި ރަސްމިއްޔާޓުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިފަހަރުގެ ބޮޑު އީދު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ފާހަގަނުކުރާ ވަރަށް މިފަހަރު އައްޑޫ ސިޓީގައި ފާހަގަކުރާނެ ކަމަށެވެ.

އައްޑޫ އީދި މަޅިލުން / ފޮޓޯ: އަލްޔާ މުހައްމަދު

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަޟްޙާ އީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައިވެސް ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދިއުަމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑު މަސް ބޭނުމާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން އީދިގަލާ ޓްރެޝާ ހަންޓާއި، ބައިބަލާ މުބާރާތް އަދި ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއެކު ބާއްވާ ދުންމާރި ޝޯ ހިމެނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި އީދު ފާހަގަކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު އެ އަވަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ވާދެމުމުގެ މުބާރާތާ، ފެންސީ ޕެރޭޑްގެ އިތުރުން އާއިލީ ހަވީރާއި އެ އަވަށުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯރިގަދަ މަސްރޭސް ހިމެނެއެވެ. މީގެ އިތުރުން ފޭދޫ އާއި މަރަދޫފޭދޫގައި ވެސް އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވާއިރު، އެ ސިޓީގެ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައިވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ، އެ ގޮތުން މީދޫގައި ހޭންޑް ބޯޅަ މުބާރާތެއްގެ އިތުރުން އާއިލީ ހަވީރާ، މުއައްސަސާތަކަށް ބާއްވާ ވާދެމުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހުޅުދޫގައިވެސް ސަގާފީ ޕެރޭޑެއްގެ އިތުރުން މާލި ޕެރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.