ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެ، އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

މިއަދު ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 19ވަނަ ދުވަހު އައި މުދަލުގެ ޝިޕްމަންޓެއްގައި 343 ކޭސް ޕޭޕާ ޓިޝޫ ކަމުގައި ބުނެފައިވާ އެއްޗެއް ޑިކްލެއާކޮށްފައިވާ ކަމަށެވެ. އަދި އެ ޝިޕްމަންޓާ ގުޅޭ ގޮތުން ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު އެ ޝިޕްމަންޓް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫގެ އިތުރުން 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ޝިޕްމަންޓުން ގެނެސްފައިވާ މުދާތައް ކަސްޓަމްސް އިން ހިފައްހައްޓާފައިވާ ކަމަށެވެ. އިތުރަށް ކަސްޓަމްސް އިން ބުނެފައިވަނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ މި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަނީރިސްކް މެނޭޖްމަންޓު ނިޒާމުގެ ތެރެއިން ކަމަށާއި، އިންޓެލިޖެންސް މައުލޫމާތާ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ރިސްކު އެކުލެވޭ މިންވަރަކަށް ރިއާޔަތްކޮށް މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.