ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖާޖީންވެސް ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަރަފާތު ބިމުގައި ހުންނަވާ ހައްޖު ވެރިންނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރެެއްވުމަށް ޝަހީމް ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، ހައްޖުވެރިއަކު ބަލިވެގެން ނުވަތަ އެއްވެސް ހާއްސަ ހާލަތެއް މެދުވެރިވި ކަމުގެ ރިޕޯޓެއް ލިބިވަޑައިގެންފައި ނުވާ ކަަމަށެވެ.

އަދި ހުރިހާ ހައްޖާޖީންގެ ކަންކަންވެސް ކައިރިން ބަލަމުންދާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެހެން އަހަރުތަކާ އަޅާ ބަލާއިރު މި ފަހަރު ހައްޖުގެ ކަންތައްތަކުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށެވެ. އަދި އެކަމަށް މިނިސްޓަރު ވަނީ ސައުދީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

އަދި ހަމައެހެންމެ ހުރިހާ ހައްޖުވެރިން މިނާ އަށް ދިޔަ ކަމަށާއި އެ އެންމެން ވެސް ތިބީ އެއް ފޭލިގެއެއްގައި ކަމަށް ޝަހީމް ފާހަގަ ކުރެއްވިއެވެ. އަދި އެއީ ވަަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިންޝާ ﷲ ހައްޖުވެރިންގެ ކަންތައްތައް ރަނގަޅު ގޮތުގައި ނިމިގެން ދާނީ. މިއަދުގެ އިރުއޮއްސުމާ ހަމައަށް އަރަފާތު ބިމުގައި ހައްޖުވެރިން ތިބޭނެ. އޭގެ ފަހުން މުޒްދަލިފާ އަށް ދަތުރު ފަށާނެ،"
މިނިސްޓަރު ޝަހީމް

ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވާ 150 މީހުންނާއެކު މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާފައެވެ. މިއީ މިހާ ގިނަ އަދަދެއްގެ ހައްޖުވެރިން އެ ކުންފުނީގެ ހަވާލު ކުރާ ދެވަނަ ފަހަރު ކަމަަށް ޝަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި މި އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އެޑިއުކޭޝަން މިނިސްޓްރު އިސްމާއިލް ޝަފީއުއެވެ.