ސަރުކާރު ބަންދުސް އެމަޖެންސީ ހާލަތެއްގައި ހޮޓްލައިން މެދުވެރިކޮށް އައިޑީކާޑުގެ ހިދުމަތްލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންއިން ބުނެފިއެވެ.
އީދު ބަންދާ ދިމާކޮށް އެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ކުއްލި ހާލަތަކާ ގުޅިގެން ހައްދަން ޖެހޭ އައިޑީކާޑު އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި ހޮޓްލައިން ނަންބަރަކީ 7280368 ކަމަށް ވެސް ވަނީ ބުނެފައެވެ.
އައިޑީކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި އަންގާފައިވާ ފަރާތަށް އައިޑީ ކާޑު ނެގޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާއިރު އެ އުސޫލަކީ މީގެ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލެވެ. އެހެންނަމަވެސް އެ އުސޫލަށް ބަދަލު ގެނެސް ވެރި ފަރާތަށް ނޫނީ އައިޑީކާޑު ނުނެގޭ އުސޫލަކަށް މިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން ވަނީ އަމަލު ކޮށްފައެވެ.
އަޟްހާ އީދު ދުވަހަކީ މި އަންނަ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައެޅުމާ ގުޅިގެން ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ މި އަންނަ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އަދި ދާދިފަހުން މި ހަފްތާގެ ބުދަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.