65 އަހަރުން މަތީ މީހުންނަށް މުއްދަތު ހަމަނުވާ ގޮތަށް ދާއިމީ އައިޑީ ކާޑެއް ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއްޣަފޫރު ވިދާޅުވީ، 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށެވެ. އަދި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ.

ޔޫސުފް އިތުރަށް ވިދާޅުވީ 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ނިންމީ، މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ އާ ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުން ދާތީ ކަމަށެވެ. އަދި މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ކަރުދާހެއް ތައްޔާރުކޮށް މިހާރު ކެބިނެޓަށް ފޮނުވާފައި ވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާރު ބޭނުން ކުރާ އައިޑީ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނެޝަނަލް ރަޖިސްޓްރޭޝަންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެސް ކޮށްފައެވެ.