ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކައުންސިލްގެ އާ އިމާރާތްތައް އަޅާ 50 ރަށް މިއަދު ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ މިނިސްޓްރީން ބެލިބެލުމުގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ކައުންސިލްގެ އާ އިމާރާތްތައް އަޅަން ޖެހޭ ކަމަށާއި ނަމަވެސް މި ބުރު އިސްކަންދޭނީ މި ވަގުތު އެންމެ ބޮޑަށް އާ އިމާރާތެއް ބޭނުންވެފައިވާ ރަށްރަށަށް ކަމަށެވެ. އެގޮތުން 50 ރަށުގެ ކައުންސިލް އިމިާރާތް އަޅަން ނިންމާފައިވާ އިރު، އެ ރަށްތައް ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ޕީއެސްއައިޕީ ޕްރޮޖެކްޓްސްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ކައުންސިލްގެ އާ އިމާރާތްތައް އަޅަން ބަޖެޓުކޮށްފައިވާ ރަށްތައް މި ލިސްޓުގައި ނުހިމެނޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓުގައި އޮތް ގޮތަށް އެ ރަށްތަކުގެ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލް އިދާރާ އަޅަން ސަރުކާރުން ކަނޑައެޅި 50 ރަށަކީ، ހއ. ވަށަފަރު، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ށ. ފޭދޫ، ށ. ކޮމަންޑޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ނ. ހެނބަދޫ، ނ. ޅޮހި، ނ. ފޮއްދޫ، ނ. މަނަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ރ. ވާދޫ، ރ. ހުޅުދުއްފާރު، ބ ކަމަދޫ، ބ. ކުޑަރިކިލު، ބ. ފެހެންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކިހާދޫ، ޅ. ކުރެންދޫ، ކ. ހިންމަފުށީ، ކ. ކާށިދޫ، ކ. ގާފަރު، ކ. ގުރައިދޫ، ކ. ތުލުސްދޫ، އދ. ކުނބުރުދޫ، އދ. މަހިބަދޫ، އދ. ފެންފުށި، މ. މުލައް، މ. ދިއްގަރު، މ. މުލި، ފ. ފީއަލި، ދ. ހުޅުދެލި، ދ. ބަނޑިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. ބުރުނި، ތ. ގުރައިދޫ، ތ. ވޭމަންޑޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ގއ. މާމެންދޫ، ގއ. ނިލަންދޫ އަދި ގދ. މަޑަވެއްޔެވެ.

މި ހުރިހާ ރަށެއްގައި ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ފަށާނީ އެއްކޮށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އާ އިމާރާތް އަޅަން ޖެހޭ ކަމަށް ފެންނަ 105 ރަށެއް އެބަ އޮތް ކަމަށް އެކްސްގައި އާދަމް ޝަރީފް ކުރެއްވި ޕޯސްތެއްގައި ފާހަގަ ކޮށްފައި ވެއެވެ. އެ 105 ރަށުގެ ތެރޭގައި 26 ރަށަކީ މިހާރު ކައުންސިލް އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާ ރަށްރަށް ކަމަށާއި އަދި 29 ރަށަކީ މިއަހަރުގެ ބަޖެޓުގައި ކައުންސިލް އާ އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްރަށް ކަމަށް އާދަމް ޝަރީފް ވިދާޅުވެފައި ވެއެެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހދ. މަކުނުދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 50 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެެވެ. އެގޮތުން ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާ އިރު، އެއީ ބަޖެޓުގައި ނެތް މަޝްރޫއަކަށް ވާތީ، އެ މަސައްކަތް ކުރާނީ އިންވެސްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެެވެ.