އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ފުރާވަޑައިގެންފިއެވެ.

ޝަހީމް މިއަދު ސައުދީއަށް ފުރާ ވަޑައިގަންނަވާފައިވާއިރު، 1445 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އެޑިއުކޭޝަން މިނިސްޓްރު އިސްމާއިލް ޝަފީއުވެސް ވަނީ ހައްޖަށް ފުރާވަޑައިގަންނަވާފައެވެ.

ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވާ 150 މީހުން މިއަދު ފުރާފައިވާއިރު މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާފައެވެ.

މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަން އަށް އެކަނިއެވެ. އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.