ދިވެހި ހައްޖާޖީއަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ދެތިން އަހަރަކުރިން ބޮޑެތި ބަލިތަކުގައި އުޅެމުންދާ ފަރާތްތަކަށް ހާއްސަ ކޯޓާތަކެއް ދޫކޮށް އެ މީހުން ހައްޖުގެ މަތިވެރިކަން އަދާ ކުރުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.
އެގޮތުގެ މަތިން މިފަހަރު ހައްޖުގެ އަޅުކަމަށް ދިޔަ އެފަދަ ފަރާތަކަށް ހާޓްއެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އެކަމުގެ އިތުރު މައުލޫމާތު ހިއްސާ ނުކުރައްވާ މިނިސްޓަރު ވިދާޅުވީ ބަލިމީހާގެ އާއިލާ އާއި އެ މައުލޫމާތު ހިއްސާކޮށް ބަލިމީހާގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"މިވަގުތާއި ހަމައަށް ލިބިފައި ހުރި ހަބަރުތަކަށް ބަލާއިރުގައި އިރާދަކުރެއްވިއްޔާ ރަނގަޅު، އަޅުގަނޑު ވާނީ އެ ބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި، ރާއްޖޭގައި އެބޭފުޅާގެ އާއިލާ މީހުންނަށް ގުޅާ ހާލު އެ ބޭފުޅުންނަށް ފޯރުކޮށްދީފައި، އަދި ހައްޖު ކޯޕަރޭޝަނުންނާއި ސަރުކާރުގެ ހައްޖު މިޝަންގެ ފަރާތުންވެސް ވަރަށް ގާތުން އެ ބަލި މީހާގެ ކަންތައް ދަނީ ބަލަމުން،". ޝަހީމް ވިދާޅުވިއެވެ.
ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަކި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގައިވެސް ތިބޭކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ހައްޖުވެރިން ތިބި ހޮޓެލްގައި ކްލިނިކެއްވެސް ގާއިމް ކުރެވިފައިވާނެ ކަމަށެވެ. އަދި ހަމައެހެންމެ ސިއްހަތާއި ގުޅުން ހުރި ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ސައުދީ ސަރުކާރުގެ ފަރާތުން ހައްޖާއި އުމްރާގެ އަޅުކަން ކުރާ ފަރާތްތަކަށް ހިލޭ ސާބަހަށް ފަރުވާ ކުރެވޭނެ އިންތިޒާމް ނޫރު ހޮސްޕިޓަލުން ހަމަޖައްސާދީފައިވާކަން ފާހަގަ ކުރައްވާ ޝަހީމް ވަނީ ސައުދީ ސަރުކާރަށް ޝުކރު އަދާ ކުރައްވާފައެވެ.