އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އަވަށްޓެރި ގައުމުތަކުގެ ލީޑަރުންގެ ޝަރަފުގައި ހާއްސަ ޖާފަތެއް ބާއްވައިފިއެވެ.

އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމު ދެއްވި މި ޖަފާތް ބާއްވާފައިވަނީ ރާޝްތުރަޕަތީ ބާވާންގައެވެ.

މި ޖާފަތުގައި ބައިވެރިވި ލީޑަރުންގެ ތެރޭގައި ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު، ސްރީލަންކާގެ ރައީސްރަނިލް ވިކްރަމަސިންހަ؛ ސީޝެލްސްގެ ނައިބު ރައީސް ޑރ.އަހުމަދު އަފީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތު، ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލް ޕްރަޗަންޑާ އަދި ބޫޓާންގެ ބޮޑުވަޒީރު ޓްޝެރިންގް ޓޮބްގޭއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ތިންވަނަ ދައުރަށް ކުރެއްވުމަށްފަހު، ބޮޑު ވަޒީރު މޯދީ ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭރުގެ ހުރިހާ އިއްޒަތްތެރިންނަށް ޝުކުރު ދަންނަވާފައެވެ. އަދި އިންސާނީ ކުރިއެރުން ހޯދުމަށްޓަކައި އިންޑިއާއިން އަބަދުވެސް އަގުހުރި ބައިވެރިންނާ ގާތުން މަސައްކަތް ކުރާނެކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާ ބޮޑުވަޒީރު މޯދީ ހަވާލުވެވަޑައިގަންނަވާ މިއީ ތިންވަނަ ދައުރެވެ. އިންޑިއާގެ އާންމު އިންތިހާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވާ ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.