އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަށް ރައީސް އިންޑީއާއަށް ވަޑައިގަތުމުން އިންޑިއާގެ އިންދްރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ރައީސްއަށް މަރުހަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. އެއާޕޯޓުގައި މަރުހަބާ ކިޔުމަށް އިންޑިއާގެ ސަގާފީ ހަރަކާތެއްވެސް ބާއްވާފައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާ ބޮޑުވަޒީރު މޯދީ ހަވާލުވެވަޑައިގަންނަވާ މިއީ ތިންވަނަ ދައުރެވެ. އިންޑިއާގެ އާންމު އިންތިހާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވާ ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯދީގެ އިތުރުން އިންޑިއާގެ މިނިވަންކަމުގެ ބާނީ ޖަވާހިރުލާން ނެހުރޫ ވަނީ ވިދިވިދިގެން 3 ދައުރު ފުރިހަމަ ކުރައްވާފައެވެ. އެގޮތުން 1947 ގައި އިންޑިއާ މިނިވަން ވުމާއެކު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ގޮތަށް ޖުމްލަ 3 ދައުރުން 1964 ގައި އަވަހާރަވެވަޑައިގަންނަވަންދެން 15 އަހަރު ހަމަކުރައްވާފައި ވެއެވެ. އޭނާ އަށް ފަހު ދަރިކަނބަލުން އިންދިރާ ގާނދީ އާއި އެކަމަނާގެ ދަރިކަލުން ރަޖީވް ގާނދީވެސް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ.