ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ފޮނުވާ މީހުންގެ ފުރަތަމަ ބެޗު އިއްޔެ ފުރާފައި ވާއިރު އޭގެތެރޭގައި ފަގީރު ނޫން މީހަކު ހިމެނޭ މައްސަލަ އެއް ފެންމަތިވެ މައްސަލަ ބަލަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މި މައްސަލަ ބަލަން ފަށާފައި ވާއިރު، މި ކަން އެނގުނީ ދައުލަތުގެ މީޑިއާ އިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ގިނަ ބަޔަކު ވަނީ އޭނާއަކީ ފަގީރެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހަކީ ސްކޫލެއްގެ އިސްލާމް ޓީޗަރެއްގެ އިތުރުން މިސްކިތެއްގައި އިމާމުވެ ނަމާދު ކުރާ މީހެކެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އެކްސްގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރު ފެށުމާއެކު ވޭތުވެދިޔަ 6 މަސް ތެރޭ މަސައްކަތް ކުރީ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދަމުން ކަމަށާއި، ސަރުކާރުން ހައްޖަށް ފަގީރުން ފޮނުވުމުގެ ވައުދު ފުއްދަން ބޭނުން ކުރީ ސަރުކާރު ފެށުންއިރު އޮތް ފަގީރުންގެ ދަފްތަރު ކަމަށެވެ. ނަމަވެސް ޝަހީމު މިހާރު ވަނީ މި ޕޯސްޓު ޑިލީޓު ކުލުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވާނީ ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓުން ގުރުއަތު ނަގައިގެންނެވެ. އަދި ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއް ކަމަށް ވާއިރު މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ރަސްމީ 1000 ކޯޓާގެ އިތުރުން، އިތުރު 150 ކޯޓާ މިއަހަރު ރާއްޖެއަށް ލިބިފައި ވާއިރު މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޖުމްލަ 4 ފްލައިޓް ބޭއްވުމަށް ނިންމާފައި ވާއިރު، މިހާތަނަށް 2 ފްލައިޓުގައި ޖުމްލަ 651 މީހުން ވަނީ ފުރާފައެވެ. ރާއްޖެއަށް އިތުރަށް ލިބުނު 150 ކޯޓާގައި ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.