3 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ގަޑިއާއި ތާރީހު ބަދަލުވެއްޖެއެވެ.
ތާރީހަށް ބަދަލު އައި ތިން ރަށަކީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި އަހަރުގެ އަރަފާތު ދުވަހަކީ އަންނަ ހަފްތާގެ ހޮނިހިރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން އެ ދުވަހު ބާއްވަން ހަމަޖެއްސި މި 3 ރަށުގެ ބައި-އިލެކްޝަން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ދުވަހު ވޯޓުލުން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށް ކަމަށާއި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވެއެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 23 ގައި ކަމަށް އިލެކްޝަނުން ބުނެފައި ވެއެވެ.
ކަލަންޑަރުގައިވާ ގޮޮތުން ނަމަ، ހައްޖު ދުވަހުގެ ފުރަތަމަ ދުވަހަށް ވާނީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ. ނަމަވެސް އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމުން މިދިޔަ ހުކުރު ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ވަނީ ކަނޑައަޅާފައެވެ. އަދި އަޟްހާ އީދު ދުވަހަކީ މި މަހުގެ 16 ވާ އާދިއްތަ ދުވަހެވެ.