އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން، 6 ގައުމެއްގެ ވެރިން ގަބޫލުފުޅުކުރައްވައިފިއެވެ.
އިންޑިއާގެ އާންމު އިންތިހާބު 2024 އަށް ފަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ވަޒީރުންގެ މަޖިލީހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 09 202ގައެވެ. މި ރަސްމިއްޔާތަށް އިންޑިއާގެ އަވަށްޓެރި ގައުމުތަކާ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ލީޑަރުންނަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދައުވަތު އަރުވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވާ ގައުމުތަކުގެ ވެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު، ސްރީލަންކާގެ ރައީސް ރަނިލް ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފް؛ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތު އަދި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް އަދި ބޫޓާންގެ ބޮޑުވަޒީރު ޓްޝެރިންގް ޓޮބްގޭ ހިމެނެއެވެ.
އިންޑިއާގެ ބޮޑުވަޒީރާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ އިތުރުން އިންޑިއާގެ ރައީސް ދްރޫފަދީ މުރްމޫ ފަރާތްޕުޅުން ގައުމުތަކުގެ ވެރިންނަށް ހާއްސަ ޖާފަތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަފްލާގައިވެސް ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ލީޑަރުން ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ 'އަވަށްޓެރި ފުރަތަމަ' ސިޔާސަތާއި 'ސަގާފީ' ތަސައްވުރަށް އެންމެ އިސްކަމެއް ދޭ ދަތުރެކެވެ.