ހައްޖު ކޯޕަރޭޝަން އަިން އެކުލަވާލާފައިވާ ކިޔު ތަރުތީބުން ނޫން ގޮތަކަށް އެއްވެސް ބަޔަކަށް ޖާގަ ހޯދަދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންއަށް ޖުމްލަ ފައިސާ ދައްކާ ހިސާބުން އެމީހަކަށް ޖާގަ ކަށަވަރުވެ ހައްޖުގެ މަތިވެރި އަޅުކަމަށް ދެވޭނެ އަހަރުވެސް ކަނޑައަޅައެވެ. އަދި އެކަން ކުރަމުންދަނީ ފައިސާ ދައްކާ ތަރުތީބުންނެވެ.
ނަމަވެސް މި ކިޔު ތަރުތީބާ ހިލާފުވެ ބައެއް މީހުންނަށް ކަނޑައެޅިފައިވާ އަހަރަށްވުރެ ކުރިން ސަރުކާރުގެ މުވައްޒަފުންނާއި އިދާރާތަކުގެ ނުފޫޒުން ހައްޖަށް ގެންދާ ތުހުމަތަކީ އަބަދުވެސް ކުރަމުންދާ ތުހުމަތެކެވެ. އަދި މިއަހަރުވެސް އެފަދައިން މީހުން ހައްޖަށް ފޮނުވި ކަމަށް ބުނެ ސަރުކާރަށް ބައެއް އާންމުން ދަނީ ފާޑު ކިޔަމުންނެވެ.
ނަމަވެސް މި ތުހުމަތުތަށް ޝަހީމް ދޮގު ކުރައްވަވާ ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ކިޔު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދާދީފައި ނުވާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ވެސް ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ޖާގަ ތަކެއް ހާއްސަކޮށްފައި ހުންނަ ކަމަށާއި އެއީ މީގެ ކުރިންވެސް އެކަން އޮތް ގޮތް ކަމަށެވެ.
އެގޮތުން ކިޔު އިން ކޮންމެ އަހަރަކުވެސް ހައްޖަށް ފޮނުވެނީ 700 އެއްހާ މީހުން ނަމަވެސް މި އަހަކަރަކީ މުޅިން އަލަށް 1000 އަށްވުރެ ގިނަ މީހުންނަށް ކިޔުއިން ޖާގަ ލިބުނު އަހަރު ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ކުރެވުނު ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށެވެ.
ފާއިތުވި 2022 ވަނަ އަހަރު ހައްޖު ކޯޕަރޭޝަން އިން ކަނޑައަޅާފައިވާ ކިޔުއިން ޖާގަ ލިބުނީ 400 މީހުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ކުރީ ދެ އަހަރު ކޮވިޑްގެ އާލަމީ ވަބާއާ އެކު ހައްޖުގެ އަޅުކަމަށް މީހުން ނުދާކަމަށާއި އަދި ހައްޖު ކިޔު ދިގުވެފައިވާ ސަބަބަކީވެސް އެއީ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މި ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރުމަކީ ދެރަ ކަމެއް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މިވަނީ ފާހަގަ ކޮށްލެވޭ ރަނގަޅު އިދާރާއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެއީ ދިވެހިން އުފާ ވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
"ކޮންމެ މީހަކުވެސް ލާރި ދެއްކުމުން ޖާގަ ކަށަވަރުވޭ، ހައްޖަށް ދެވޭ އަހަރު ކަށަވަރު ކުރެވޭ، ބައެއް ގައުމުތަކުގައި ހައްޖަށް ދާ އެންމެނެ ހޮވަނީ ގުރުއަތުން. އެއްވެސް މީހަކަށް ދެވޭނެ ކަމުގެ ޔަގީންކަން ނޯވޭ."
ފަރުޟު ހައްޖު ކުރަން ބޭނުންވާ މީހުންނަށް އިސްކަންދެވޭނެ ކަމަށާއި ހައްޖު ކޮށްފަ ހުންނަ މީހަކަށް ސައުދީގައި އޮންނަ ގޮތަށް ފަސް އަހަރު ފަހުން ނޫނީ އަލުން ނުދެވޭ ގޮތަށް ވެސް ބައެއް ގައުމުތަކުގައި އަމަލު ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ފަރުޟު ހައްޖު ކުރުމަށް ގިނަ މީހުންނަށް ފުރުސަތު ދިނުމަށް އަމަލު ކުރަމުންދާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިއަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަން އަށް އެކަނިއެވެ. އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ކަމަށް މިނިސްޓަރު ޝަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކިއުފަޅާލަފައި ނުފޮނުވަމޭ ބުނުމަކުން ރަނގަޅެއް ނޫން ކިއުފަޅާލާފައިނޫންތޯ ދިއަތަނަކަށް ގޮސްގެން އެއުޅެނީ
ތިޔަ ވިދާޅުވަނީ ދޮގުކަން ނޭގޭ ބަޔަކު ތިކަން ގަބޫލުކޮށްފާނެ. ރޯމާ ދުވާލު މީ ރޭގަނޑޭ ބުނީމަ ގަބޫލުކުރާނީ ކާކު؟
ޝާހީމް ތިހެއްދެވީ ދޮގެއް. ނ.ކުޑަފަރިން 2027 އަށް ޖާގަ އިން ދެމަފިރިއަކު މި މަހު ދިހައެއްގަ ފުރުމައްވަނީ ހަމަޖެހިފަ.
ތީހުސްދޮގު
ވަރަށްގާތް ދެމަފިރިޔަކު ފައިސާ ދެއްކީ މިއަހަރު ނުވަތަ ހުސްވި އަހަރު ނިމެމުން ދަނިކޮށް. މިއަހަރު ޙައްޖަށްދިޔަ ދެވަނަ ފުލައިޓްގައި ޙައްޖަށް ދިޔުމަށް މިހާރުވަނީ މައްކާއަށް ގޮސްފައި. ތިޔަވިދާޅުވެލައްވާ އެއްޗެއް ދިމާނުވޭ. ކިޔޫފަޅާލާފަ އެގޮތަށް ޖާގަދެއްވުމަކީވެސް ރިޝްވަތު. މިކަން ބައްލަވައި އެކަންކުރެއްވި ބަޔަކަށް ފިޔަވަޅު އެޅުމަށް ދަންނަވަން.
ތިޔަ ދެމަފިރިއެއްގެ ނަން ހިއްސާ ކޮށްދެއްވާ. އަޅުގަނޑު އޭރުން ދާނަން އެމް.ޑީ އާއި ބައްދަލުކުރަން. ވަރަށް ޔަގީންކަންދިން ގޯހެއް ނުހަދާނެކަން. އަހަރެންގެ ބައްޕައަށް މިއަހަރު ފުރުސަތުލިބި ބައްޕަ ބަލިވެ އުޅޭތީ އަހަރެންގެ ނަމާއި އަންހެނުންގެ ނަން 2027އަށް އިނީމަ މި އަހަރު ބައްޕަގެ އެހީތެރިއެއްގެ ގޮތުން ދެވޭތޯ މަސައްކަތް ކުރީމަވެސް އެ ފުރުސަތެއް އެމް.ޑީ ނުދިން. އެހެންވެ ތިވާހަކަ ގަބޫލުކުރަން އުނދަގޫ.