ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ތެރޭގައި ހިމެނޭ އަތޮޅުތަކުގެ މީހުން މާލެ ގެނައުމާއި ގެންދިއުމުގެ އިތުރުން ހުރުމާއި ކެއުމުގެ ހަރަދު ހަމަޖައްސާފައިވަނީ ސަރުކާރުން ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ 1000 މީހުން ހައްޖަށް ފޮނުވުމުގެ ވައުދުފުޅުގެ ދަށުން މި އަހަރު 50 މީހަކު ހައްޖަށް ފޮނުވައެވެ.

އެ 50 މީހުން ހޮވުމަށް ބޭއްވި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކަމަށްވާއިރު ޖުމްލަ 60 މީހުންގެ ގުރުއަތެއް އެ ދުވަހު ވަނީ ނަގާފައެވެ. އެއީ މި އަހަރުގެ ހައްޖަށް ދިއުމަށް ނެގުނު 50 މީހުންގެ އިތުރުން އެއްވެސް ސަބަބަކާއި ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ޖާގަ ދޭނެ އިތުރު 10 މީހެކެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ފުރަތަމަ ޖާގަ ލިބުނު 50 މީހުންގެ ތެރެއިން އުޒުރުވެރިވެގެން 10 މީހަކު މިއަހަރު ޖާގަ ދޫކޮށްލާފައިވާ ކަމަށާއި އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ 50 މީހުންގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ހަރަދު އަދި ހައްޖު ދަތުރު ނިމި އެނބުރި ރަށަށް ފޮނުވުމުގެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ އެ 50 މީހުންގެ ތެރެއިން އެކަކު މިދިޔަ ހުކުރު ދުވަހު ފުރި ފުރަތަމަ ހައްޖު ވެރިންގެ ޕްލައިޓުން ސައުދީއަށް ގޮސްފައިވާއިރު މިދިޔަ ހޯމަ ދުވަހު ފުރި ހައްޖު ވެރިންގެ ދެވަނަ ފްލައިޓުން އިތުރު މީހަކު ސައުދީއަށް ގޮސްފައިވާ ކަމަށެވެ. އަދި ބާކީ ތިބި 48 މީހުންގެ މިއަދު ފުރާ ތިންވަނަ ފްލައިޓުން ފުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.