ކުޅުދުއްފުށި ސިޓީގައި ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުސޫލެއް ކަނޑައަޅާ މި އުސޫލާ ހިލާފުވާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް 'ހޯމްސްޓޭ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓެލް ހިންގުމުގެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

ކުޅުދުއްފުށި ކައުންސިލުން އާންމުކޮށްފައިވާ މި އުސޫލުގެ މަގުސަދަކީ އެ ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމާއެކު، ފަތުރުވެރިކަމުގެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސާ ދިނުމެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ކުޅުދުއްފުށި ސިޓީ އަށް ތަޢާރަފްކުރުމާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުންކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މިއީ ރައްޔިތުންގެ މެދުގައިވާ ރިވެތި އަހްލާގާ، އާދަކާދަތަކާއި މެހުމާންދާރީ އަދި ވަށްޓަފާޅިއާއި ގެވެހި މަސައްކަތް ފަތުރުވެރިންނާ ހިއްސާކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުމާއެކު ރަށުގެ ސަގާފަތާއި ތަރިކަ އާއި ގުދުރަތީ ރިތިކަން ޕްރޮމޯޓްކޮށް އިޝްތިހާރުކޮށް ރަށުގެ އިގްތިސާދު ރަނގަޅުކުރުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.

ގެސްޓް ހައުސް އާއި ހޯމް ސްޓޭ ވިޔަފާރި ހިންގަން ޖެހޭނެ ގޮތާއި ގުޅޭގޮތުން މި އުސޫލުގައި ބުނެފައިވަނީ މި ވިޔަފާރި ހިންގަން ޖެހޭނީ ދިވެހިރާއްޖޭގެ ޓުއަރިޒަމާއިބެހޭ ގާނޫނާ އަދި އެގާނޫނުގެ ދަށުން ޓުރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ދިވެހިރާއްޖޭގައި ގެސްޓްހައުސް އަދި ހޯމްސްޓޭ ވިޔަފާރި ހިންގުމާއިބެހޭ ޤަވާއިދާއި އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިންގެ ހަރަކާތްތައް ރާވާ ހިންގުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން:

1- ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށުގައި ރަޖިސްޓްރީ ކޮށ،ް ހިންގުމުގެ ހުއްދަ ނަގާފައިވާ ތަންތަނަށް ބުކިން ހަދައިގެން ޒިޔާރަތްކުރާ ފަތުރުވެރިންކަން ޔަގީންކުރަން ވާނެއެވެ.

2- ކޮންމެ ފަތުރުވެރިއަކ ވެސް ޗެކްއިން ކުރާއިރު ގެސްޓް ރަޖިސްޓްރޭޝަން ކާޑު ފުރުމަށްފަހު ޗެކްއިންވާ ފަތުރުވެރިންކަން ޔަގީންކުރަން ވާނެއެވެ

3- އެވަގުތަކު ރަށުގައި ތިބި ޖުމްލަ ފަތުރުވެރިންގެ އަދަދާ ފަތުރުވެރިން ތިބި ތަންތަނުގެ ތަފްސީލް މައުލޫމާތު އެއްތަނަކުން ލިބޭ ތަނަކަށް ރަށުގެ ޓޫރިސްޓް އިންފޯމޭޝަން ޑެސްކް ވާންޖެހެއެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ފަތުރުވެރިއެއްގެ ތަފްސީލް މައުލޫމާތު ކަމާއި ގުޅޭ މިނިސްޓްރީއެއްގެ ބޭނުމަށް ނޫން ގޮތަކަށް ހިއްސާކޮށްގެން ނުވާނެއެވެ.

4- ރަށާ ބެހޭ ގޮތުން ދެވެންޖެހޭ އާންމު މައުލޫމާތުގެ ތެރޭގައި ރަށުގެ ޗާޓަކާއެކު މޫދަށް އެރުމަށް ހާއްސަ ތަންތަނާއ،ި ޖެޓީ / ހާބަރުތަކާ،ި މަގުތައް އަދި އެހެނިހެން ހިދުމަތްތައް ލިބޭނެ ތަންތަން ފަސޭހައިން ކިޔާދެވޭ ގޮތަށް ތައްޔާރުކުރެވިފައި ހުންނަންވާނެއެވެ.

5- ރަށުގައި ތިބޭ ޓޫރިސްޓުން ރަށުގެ އާންމު ތަންތަނުގައި އުޅޭއިރު ހެދުން އަޅާނެ މިންގަނޑު ކިޔައިދެވެންވާނެ. އަދި އިނގިރޭސިބަހުން ލިޔެ މި ލިޔުން ރަށުގައި ހިންގާ ގެސްޓްހައުސ،ް ހޯމްސްޓ،ޭ ޓޫރިސްޓް ހަޓާފަދަ ތަންތަނާއި ހިއްސާކުރަން ވާނެއެވެ.

6- ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ނިވާކަން ކުޑަ ގޮތްގޮތަށް ހެދުން އެޅުމާއ،ި އިސްލާމްދީން ނޫން އެހެން ދީންތަކަށް އަޅުކަން ކުރުމުގެ ހަރަކާތްތައް ހިންގުމާ ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދުތަކާ ހިލާފު ކަންކަން ކުރުމާ އެފަދަ އެއްވެސް ކަމަކަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.

7- ރަށުގައި ތިބޭ ފަތުރުވެރިން އެބަޔަކު ތިބޭ ގެސްޓްހައުސް ނުވަތަ ހޯމްސްޓޭއެއްގެ އާންމު ސަރަހައްދުތަކާ ރަށުގެ ތެރެއަށް ނުކުމެއުޅޭއިރު ހެދުން އަޅަންވާނީ ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓާ ސޯޓު އަދި އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓް، ބްލައުޒް ނުވަތަ ގަމީހާއި ސްކާޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓު ބުރި ހިމެނެއެވެ. އަދި ގައި ފެންނަވަރުގެ ތުނި ހެދުން އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެއެވެ.

8- ކުޅުދުއްފުށި ސިޓީ ގައި ފަތުރުވެރިންނަށް ހާއްސަކުރެވޭ ބީޗް ސަރަހައްދު ކުނިކަހާ ސާފުކުރެވޭނޭ އިންތިޒާމް ގެސްޓްހައުސް / ހޯމްސްޓޭތަކުގެ ވެރިންނާ،ި ކައުންސިލާއި ގުޅިގެން ހަމަޖެއްސުން ހިމެނެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ އެއްވެސް ފަރާތަކުން މި އުސޫލާ ހިލާފަށް އަމަލުކޮށްފި ނަމަ އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި 50 ޑޮލަރާއި 1000 ޑޮލަރާއި ދެމެދުގެ އަދަދަކުން ޖުރިމަނާކުރާނެކަމަށެވެ.