އިންޑިއާ އާއި ރާއްޖެގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމާއެކު، މުސްތަގުބަލުގައި މިހާރަށްވުރެ ބޮޑު އެއްބާރުލުމަށް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އާންމު އިންތިހާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރަށް، ރައީސް މުއިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ތަރައްގީއާ ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބުދެއްވަމުން މޯދީ ވަނީ ރައީސް އަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއަން އޯޝަން ރީޖަންގައި އިންޑިއާއަށް މުހިއްމު ބައިވެރިއެއް އަދި އަވައްޓެރި ގައުމެއްކަމުގައި މޯދީ ވިދާޅުވިއެވެ.

ރައީސްގެ، އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ އިންތިހާބުގައި ބީޖޭޕީއިން ހޯދި ކާމިޔާބީ ފާހަގަކޮށް މޯދީއަށް މަރުހަބާ ވިދާޅުވެފައެވެ. "އަޅުގަނޑު އިންތިޒާރު ކުރަނީ ތިޔަބޭފުޅުންގެ ލީޑަރޝިޕްގެ ދަށުން އަޅުގަނޑުމެންގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން ބަދަހިކޮށް އިތުރުކުރުން" ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ. މި މެސެޖަށް ޖަވާބުދެއްވަމުން މޯދީ 'އެކްސް'ގައި ވަނީ ނައިބު ރައީސްގެ އަގުހުރި މެސެޖެއް ޝުކުރު ދަންނަވާ ދެ ގައުމުގެ ހަމަޖެހުމަށް މަސައްކަތްކުރައްވަން ހުންނެވިކަން ހާމަކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލުވެ، ދެގައުމުގެ ގުޅުން އަލުން ރަނގަޅުކުރުމަށް ދެ ގައުމުގެ ސަރުކާރުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ވަރަށް ފަހުން ދިން އިންޓަވިއުއްގެައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ ވަރަށް ފަހުން ވެސް ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވަފައިފައި ކަމަށެވެ.