3 މަސް ތެރޭ ގޯތިތައް ހަވާލުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު މިއަދުގެ ޖަލްސާގައި ބޭރުކޮށްލައިފިއެވެ.

ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ފޮނުވާލި ސިޓީ މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.

އެ ބިލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލެކެވެ. އަދި އެ ބިލް އިތުރަށް އިސްލާހުކުރުމަށް ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް ފޮނުވަން މިއަދު މީކާއިލް ހުށަހަޅުއްވިއިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.

އެ ހުށަހެޅުމަށް ފެންނަ ކަމަށް 12 މެންބަރުން ވޯޓުދެއްވިއިރު އެ ހުށަހެޅުމަށް ނުފެންނަ ކަމަށް 75 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން އެ ހުށަހެޅުން ބޭރުކޮށް އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް ރިޔާސަތު ވޯޓަށް އެހިއެވެ.

އެ ވޯޓުގައި ބައިވެރިވި 89 މެންބަރުންގެ ތެރެއިން ބިލް ފާސްކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 76 މެންބަރަކު ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން އެ ބިލް ވަނީ ބޭރުކޮށްލާފައެވެ.

މިއަދު ބަހުސް ކުރިއަށްގެންދިޔައިރު ޕީއެންސީގެ މެންބަރުން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ދައުރު ނިމެން ކައިރިވުމުން ވިސްނުމެއް ހިޔާލެއް އަދި ފިކުރެއް ނެތި ކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.