މި ދުވަސްވަރަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ހޫނުގަދަ ދުވަސް ވަރަކަށް ވާއިރު މި ދުވަސްވަރަކީ އިންޑިއާގައި އާންމު އިންތިހާބުވެސް ހިންގަމުން ދާ ދުވަސް ވަރެވެ.

އެތައްހާސް އޮފިޝަލުންނަކާއި ސެކިއުރިޓީ ގާޑުން އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވަމުން ދާ އިރު ލިބެމުން ދާ ބައެއް ހަބަރުތަކުން ބުނެފައި ވަނީ, ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން މިހާތަނަށް 18 އޮފިޝަލުން މަރުވެފައި ވާ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ބިހާރުގައެވެ. އެތާނގެ ހޫނުމިން މިވަގުތު ހުރީ 44 ޑިގްރީ ސެލްސިއަސްގައެވެ.

އޮފިޝަލުން ބުނީ ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އުޅެނިކޮށް 8 އޮފިޝަލަކަށް ހީޓްސްޓްރޯކް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް 48 ގަޑިއިރުތެރޭގައި މަރުވި ކަމަށެވެ. ބިހާރުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި މަރުވި 18 މީހުންގެ ތެރެއިން 11 މީހަކު މަރުވީ ރޮހްތާ އަވަށުންނެވެ. 6 މީހަކު ބޯޖްޕޫރުން މަރުވި އިރު ބުޒާރުން އެކަކު މަރުވެގެން ރިޕޯޓު ކުރި ކަމަށް ބުނެއެވެ.

އޮފިޝަލުން ބުނާގޮތުން ބައެއް ސަރަހައްދު ތަކުގައި 44 ޑިގްރީއަށް ހޫނުމިން ހުރި އިރު ބުޒާރު އާއި އަދި ކައިރި ބައެއް އަވަށްތަކަށް އިހުސާސްވާ ހޫނުމިން 47 ޑިގްރީ އަށް އަރައެވެ.

ހޫނު ގަދަވެގެން އިންޑިއާގެ އެހެން ބައެއް ސަރަހައްދުތަކުން ވެސް ކޭސް ތައް ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން ހޫނު ގަދަވެގެން ޓީޗަރަކު ހޭނެތުނު ކޭސް އެއް މުޒަފަރުޕޫރުގެ ޝެއިހުޕޫރާ އިން ރިޕޯޓު ކުރިއެވެ. ސަރުކާރުން ހިންގާ ސްކޫލުތަކުގެ ކިޔެވުން މިވަގުތު ބަންދު ކޮށްފައި ވީ ނަމަވެސް ޓީޗަރުން ވަޒީފާއަށް ނިކުންނަން ޖެހޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.