ބިންވެރިޔާސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް އެދިފައިވާތީ ބާއްވާ ގުރުއަތު ނެގުން އޮންނާނީ އަންގާރަ ދުވަހު ދަރުބާރުގޭގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީއިން ބުނީ ގިރާވަރުފަޅުން 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ ކަމަށެވެ.
އަންނަ އަންގާރަ ދުވަހު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމްގައި މި ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ގުރުއަތު ނަގަން ފަށާނީ މެންދުރު 12:00ގައި ކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.
ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދެވޭނީ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ނުވަތަ ލިސްޓްގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި ހާޒިރުވާ ފާރާތެއްގެ ގޮތުގައި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީއިން ބުނީ އެ ފަރާތެއްގެ ނަންކޮޅު އަމިއްލައަށް ގުރުނަގާ ފޮއްޓަށްލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން 10:00އަށް ލިބިގެންދާނެ ކަމަށެވެ. އަދި އެގަޑީގައި ހާޒިރުނުވާ ފަރާތްތަކުގެ ނަންކޮޅު ގުރުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައި މިނިސްޓްރީގެ ފަރާތުން ގުރުނަގާ ފޮއްޓަށްލާނެ ކަމަށެވެ.
ލިސްޓްގައި ހިމެނޭ އެއްވެސް ފަރާތަކަށް ހާޒިރުވެވެން ނެތްނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާނަމަ ބަދަލުގައި ހާޒިރުވާ ފަރާތުގެ މައުލޫމާތު، (ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއަކާއެކު) ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މާދަމާ ހެނދުނު 10:00 އިން ފެށިގެން ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ހައުސިން މިނިސްޓްރީއިން ވަނީ އެދިފައެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދި ހުށަހެޅި މީހުންގެ ލިސްޓް:
- 1250 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 1093 މީހުން
- 1650 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 880 މީހުން
- 2050 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 234 މީހުން
- 2450 އަކަފޫޓުގެ ގޯތި - ބަދަލުކުރަން އެދި ހުށަހެޅީ 3 މީހުން
ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗެވެ. އަދި 1650 އަކަފޫޓުގެ 663 ގޯތި ބަދަލުކުރުމަށް ނިންމާފައިވާއިރު 2050 އަކަފޫޓުގެ 487 ގޯތި އަދި 2450 އަކަފޫޓުގެ 4 ގޯތި ބަދަކުރުމަށް ވަނީ ނިންމާފައެވެ.