މިއަހަރު ނޮވެމްބަރުގައި އެމެރިކާގައި އޮންނަ އިންތިހާބުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓު ޖޯ ބައިޑަން އާ ވާދަކުރައްވުމުގެ ފުރުސަތު އެންމެ ބޮޑު ރިޕަބްލިކަނުންގެ ކެންޑިޑޭޓު ޑޮނާލްޑް ޓްރަމްޕް ކުށްވެރިވާކަމަށް ކޯޓުން ކަނޑައަޅައިފިއެވެ.
ޓްރަމްޕް ކުށްވެރި ވާކަމަށް ކޯޓުން ކަނޑައެޅީ 2016 ގެ އިންތިހާބާ ދިމާވި އިރު ފެންމަތިވި މައްސަލައެއްގައި ބަރަހަނާ ފިލްމު ކުޅޭ މީހެއްގެ އަނގަ ބަންދު ކުރުމަށް [ޓްރަމްޕުގެ އަބުރަށް ހުތުރުވެދާނެ ވާހަކަ ދެއްކިޔަ ނުދިނުމަށް] ލިޔެކިޔުންތައް އޮޅުވާލައިގެން އެ މީހާއަށް ފައިސާ ދީފައި ވާ މައްސަލަ ސާބިތުވެގެންނެވެ.
ޓްރަމްޕް ކުށްވެރިވާ ކަމަށް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގައި ފަނޑިޔާރުން ނިންމާފައިވަނީ ހުކުމް ކުރުން ޖުލައި 11 ގައި ބޭއްވުމަށެވެ. އެއީ އަންނަ އިންތިހާބުގައި ރިޕަބްލިކަނުންގެ ރަސްމީ ކެންޑިޑޭޓު އިއުލާން ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ 4 ދުވަސް ކުރިއެވެ. އެ ރަސްމިއްޔާތުގައި އެ ޕާޓީގެ ކެންޑިޑޭޓަކަށް ޓްރަމްޕް ކަނޑައަޅާނެ ކަމަށް ބެލެވިފައި ވަނިކޮށް މި ދިމާވި މައްސަލައާ ގުޅިގެން މިހާރު ވަނީ އޭނާގެ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް އުފެދިފައެވެ.
ޖުމްލަ 34 މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ނިންމާފައި ވާ އިރު އޮންނަ އުސޫލުން ގޮސްފި ނަމަ އެއިން ކޮންމެ ކަމަކަށް މަދުވެގެން 4 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ޓްރަމްޕަށް ޓިކެޓް ގެއްލޭނެއެވެ.
ނަމަވެސް ކޯޓުގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ޓްރަމްޕުގެ މައްޗަށް ޖަލު ހުކުމް އިއްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.
ޝަރީއަތަށް ފަހު ކޯޓުން ބޭރުގައި ނޫސްވެރިންނާ މުހާތަބު ކުރައްވައި ޓްރަމްޕު ވިދާޅުވި ދެތިން ޖުމްލައިގެ ތެރޭގައި ފާހަގަ ކުރެއްވީ, އެއީ އޮޅުވާލާފައި ވާ ޝަރީއަތެއް ކަމަށާއި އަސްލު ހުކުމް އަންނާނީ ނޮވެމްބަރު 5 ގައި ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓަށެވެ.
ހިޔާލު ހޯދުމުގެ ނަތީޖާތަކުން ދައްކާގޮތުން މިހާރުވެސް ބައިޑަން އަށް ވުރެ އެމެރިކާގައި މަގުބޫލީ ޓްރަމްޕެވެ. ސިޔާސީ މުހިންމު އެކިއެކި ފަރާތްތަކާއި ވިޔަފާރިވެރިން ޓްރަމްޕު އެންޑޯސް ކުރަމުން ގެންދާ އިރު ގިނަ ބަޔަކު ގަބޫލު ކުރަނީ ވޯޓު ކަރުދާސް ކޮޅުގައި ޓްރަމްޕުގެ ނަން ނެތި ނުދާނެ ކަމަށެވެ.