މި ސަރުކާރުން އޮންލައިން ނޫހެއް ފަރުމާކޮށް ލޯންޗްކުރަން ތައްޔާރު ވެއްޖެއެވެ.

ރައިސް އޮފީހުން 'ސަރުކާރު' ގެ ނަމުގައި ނޫހެއް ހިންގަން ތައްޔާރުވެފައި ވާއިރު އެ ނޫހުން ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ ހަބަރު ވަކިވަކިން ގެނެސްދިނުމަށް 22 ކެޓަގަރީއެއް ވަނީ ހިމަނާފައެވެ.

އެ ވެބްސައިޓްގައި މިހާރުވެސް ދަނީ އެކި ވުޒާރާތަކުގައި ހިނގަމުންދާ ކަންކަމުގެ ހަބަރުތައް ޝާއިއު ކުރަންމުންނެވެ.

މީގެ ކުރިންވެސް މައުމޫން ސަރުކާރުގައި 'ޖަމާއަތުގެ ހަބަރު' ނަމުގައި މަޖައްލާއެއް ހަދައި ޕްރިންޓްކޮށްގެން ނެރެމުން ދިޔައެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އުސޫލުތަކަށް ބަދަލު ގެނެސް 'ސަރުކާރު ގެޒެޓް' ހަދާ ނޫސްތަކުގައި ޖަހަމުން ގެންދިޔަ އިއުލާންތައް ގެޒެޓަށް ބަދަލު ކުރިއެވެ. އެއާއެކު ނޫސްތަކުގެ އާމްދަނީ ބޮޑުތަނުން ދަށްވެ ނަތީޖާއެއްގެ ގޮތުން އޭރު ހިންގަމުންދިޔަ ބައެއް ނޫސްތައް ބަންދު ކުރަން ޖެހުނެވެ.

ނިމިދިޔަ އަބްދުﷲ ޔާމީންގެ ސަރުކާރާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސަރުކާރު ނޫހެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މި ވެރިކަމުގައި 'ސަރުކާރު' ގެ ނަމުގައި ނޫހެއް ފަށާފައި ވާއިރު އޭގެ މިސްރާބާ މެދު އަދި ރަސްމީ ބަހެއް ނުލިބެއެވެ.

އެ ނޫހުގައި އަދި އެއްވެސް އިސްތިހާރެއް ނެތް އިރު މިހާރުވެސް އެކި އެކި އެސްއޯއީ ތަކުން ނޫސްތަކުން ހޯދާ ހިދުމަތުގެ ބިލްތަކަށް ފައިސާ ނުލިބި ގިނަދުވަސް ވެފައި ވާކަމަށް ބައެއް ނޫސްތަކުގެ ވެރިން ދަނީ ބުނަމުންނެވެ.