އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަމަށް ފަހު އެންމެ އިސްކަމެއް ދެއްވާ ކަމަކީ ގެދޮވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށާއި އޭގެ ތެރޭގައި ބަޖެޓުން ފައިނޭންސް ކުރާ މަޝްރޫއުތަކާއި ޑޯނާ ފަންޑިން މަޝްރޫއުތަކާއި ލޯނުގެ ދަށުން ހިންގާ މަޝްރޫއުތައް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގެ ބޮޑު ބައެއް ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް އިސްކަން ދޭން ނިންމާފައިވީ ނަމަވެސް މިހާރު ކުރިއަށް ދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި އަދި އެކި ރަށްރަށަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބަޖެޓުން ކެޕޭސިޓީ ލިބޭ މިންވަރަކުން ކުރިއަށް ގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ޑރ. މުއިއްޒު ވަނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާ ނުލައްވާނެ ކަމަށާއި އަދި ގެދޮރުވެރިކަމަށް އިސްކަންދީގެން މުޅި ރާއްޖޭގެ އެކި ކަންކޮޅިތަކުގައި މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.

މިހާތަނަށް އައި އިރު މި ސަރުކާރުން ވަނީ ހައުސިންގެ ދެ މަޝްރޫއުއެއްގެ އެމްއޯޔޫގައި ސޮއިކޮށްފައެވެ. އެއީ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަކާއި ބ. އޭދަފުށީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަޝްރޫއުއެވެ.