ގަވާއިދާ ހިލާފަށް އުޅޭ 1700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ މެދު ފިޔަވަޅު ނާޅާއިި ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު ނިމުމަކަށް ގެނެސް އެފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ނޭޝަނަލް ޓާސްކް ފޯހެއް އެކުލަވާލާ އެ ޓާސްކް ފޯސްގެ މަސައްކަތުން މިހާތަނަށް 33 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަން ތަކުގައި 1700 އަށްވުރެ ގިނަ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަދި ދާދިފަހުން މި މަހުގެ 25 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުގެ 14 ތަނެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 15 އަންހެން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ. އޭގެ ތެރޭގައި ސައްހަ ވިސާ ނެތް ބިދޭސީންނާއި މަސައްކަތް ކުރުަމށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.
މި ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ހުސް އަންހެން އޮފިސަރުކަން އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ ހަމައެކަނި އަންހެން އޮފިސަރުން ހިއްސާވެގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި، ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ބާރުއަޅާ މަސައްކަތް ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، އަދި ކުށްކުރާ ބިދޭސީންގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަކީ ރާއްޖޭގައި މި ވަގުތު އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ އެއް އިޖްތިމާއީ މައްސަލައެވެ. ގަވައިދާ ހިލާފަށް އެތައް ބިދޭސީންތަކެއް އުޅެމުން އަންނަ އިރު، އެމީހުން ދިރިއުޅެމުން އަންނަނީ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ކަމުން ސާފުތާހިރުކަމާއި ސިއްހީ ގޮތުން ރައްކާތެރިކަމެއް ނެތް ހާލުގައި އުޅޭ މި މީހުންނަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ.
އެ ގޮތުން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ އެތައް ބިދޭސީންތަކެއް ރީރެޖިސްޓްރޭޝަން ޕްރޯގްރާމެއްގެ ދަށުން ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާ އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި އެތައް ބިދޭސީންތަކެއް ފޮނުވާލުމުގެ މަސައްކަތް ވެސް އޭރު އެ ސަރުކާރުން ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް އެ ސަރުކާރުން ހާމައެއް ނުކުރެއެވެ.