ކުޅިވަރާއި ތައުލީމާއި މަސްވެރި ކަމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަހުމަދު ހާފިޒް އަވަހާރަވެއްޖެއެވެ.

މ. ޒިޔާރަތްދޮށުގެއަށް ނިސްބަތްވެ ވަޑައިގަންނަވާ އުމުރުން 62 އަހަރުގެ ހާފިޒު އަވާހަރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ އަހަރުތަކެއް ވުމަށް ފަހުއެވެ.

ހާފިޒުގެ ހިދުމަތްތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ކުރައްވާފައި ވާ ގިނަ ހިދުމަތްތައް ފާހަގަ ކުރާ އިރު، އަލަށް ފެންނަ މަސްމަހަށް ނަން ދެއްވުމާއި ފިޝަރިޒް މިނިސްޓްރީގައި އިސްމަގާމުތަކެއް ފުރުއްވުމުގެ އިތުރުން، ސަރުކާރުން ކުރިން ނެރެމުން ދިޔަ 'ރަސްއައިން' މަޖައްލާގެ އެޑިޓަރުކަން ކުރެއްވުން ފާހަގަ ކޮށްލެވެއެވެ.

މެރިން ރިސާޗްގެ ދާއިރާގައި ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ހާފިޒު ވަނީ މަސްވެރިކަމުގެ އިލްމު އަމިއްލައަށް ދަސްކުރައްވައިގެން ފަންނީ ލަފާ ދެއްވުމުގައި ވެސް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި މުއްދަތަށް ބަލާއިރު އަހުމަދިއްޔާ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ކުރެއްވުމުގެ އިތުރުން އެ މަދަރުސާއަށް 20 އަކަށް އަހަރު ހިދުމަތް ކުރެއްވިއެވެ.

ކުޅިވަރުގެ ރޮނގުގައި ވެސް ފާހަގަ ވެގެން ދިޔަ ހާފިޒަކީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ހުނަރުވެރިއެއް މެއެވެ.

މަސްވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިމާނު ހާސިލް ކުރެއްވި ހާފިޒަކީ އޭނާ ހޯއްދެވި މަހަކަށް އޭނާގެ ނަމާ ގުޅުވައި ސައިންވެރިން ނަން ދީފައިވާ ތަޖުރިބާކާރެއް ވެސް މެއެވެ.