މިއަދު ސަރުކާރާ އިދިކޮޅު އެއްވެސް ހަރަކާތެއް އޮތްތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، ވައުދު ފުއްދުމަށް ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ދެން ނޯންނާނެ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުން ނިމިދިޔަ ސަރުކާރު ބަދަލުކޮށް ޕީއެންސީ އާ ވެރިކަން ހަވާލުކުރީ ރައްޔިތުންނަށް އެކަށޭނަ ހިދުމަތެއް އެ ސަރުކާރުން ނުދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ކަން ދިމާވާ ގޮތުން އާދަޔާ ހިލާފު ކަމެއްގެ ގޮތުގަ ފާހަގަކުރެވެނީ މިއަދަކު އިދިކޮޅު ހަރަކާތެއް ހަމަ އެއް ގޮތަކަށް ވެސް ފެންނާކަށް ނެތް[ކަން]،" މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީއެންސީގައި އޮތްކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން ދެން މިހާރަކު އަޅުގަނޑުމެންނަކަށް ދެއްކޭނެ ބަހާނާއެއް ވެސް ހަގީގަތުގަ ނެތް،"

ޝަރީފް ވިދާޅުވީ، އެހެންކަމުން، ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހަލުވި ދުވެއްޔެއްގައި މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތައް އިސްލާހުކުރެވިއްޖެ ނަމަ، ރައްޔިތުން އެދޭ ބަދަލަށް ގައުމު ގެންގޮސްދިނުމަށް މަގުފަހިވެގެންދާނެއެވެ.

"ހާއްސަ ގޮތެއްގައި އިދިކޮޅުގެ ހަރަކާތްތަކެއް ނެތި މިހާ އޮމާންކަމާ އެކު ވެރިކަން ހިންގަން ލިބޭއިރު އަޅުގަނޑު ދެކޭގޮތުގައި މި މަސައްކަތުގައި އަޅުގަނޑުމެން އެންމެން ރަނގަޅަށް މަސައްކަތްކޮށްފި ކަމަށް ވާ ނަމަ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަރަށް އުޖާލާ މުސްތަގުބަލެއް އެބައޮތޭ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފްކުރައްވައި ޝަރީފް ވިދާޅުވީ، ރައީސް ރާއްޖެ އާއި ރާއްޖޭން ބޭރު ގައުމުތަކުގައި ދައްކަވަމުން ގެންދަވާ މިސާލާ އެކު ރާއްޖެ އަށް އޮތީ ފަހި މުސްތަގްބަލެއް ކަމަށެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑަށް ވެސް ލައްކަ ގިނަ ވެރިންނާ އެކީގަ މަސައްކަތްކުރެވިއްޖެ، އެހެން ނަމަވެސް އަޅުގަނޑުމެން ކުރާ މަސައްކަތް ގާތުން ބައްލަވައި، ރަނގަޅުކުރަން ޖެހޭ ކަންތައްތައް ރަނގަޅުކުރަންވީ ގޮތާ އެކުގައި ވިދާޅުވެދެއްވައި، އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުބާރުކުރައްވައި، ހިތްވަރުދެއްވައި، އަދި ހަމަ އެއާ އެކީގައި ދެއްވަން ޖެހޭ އިރުޝާދުތައް ވަރަށް ރަނގަޅަށް ދެއްވައިގެން އަޅުގަނޑުމެންގެ މި ސަރުކާރު ހިނގަމުން މި ދަނީ،"