ހުސްވެފައިވާ ބައެއް ކައުންސިލަރުންގެ މަގާމުތަކަށް ކުރިމަތިލުމަށް މައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

މާދަމާ ފަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ބައެއް ކައުންސިލަރުން މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާތީ މާލޭގެ ތިން ކައުންސިލަރެއްގެ މަގާމަކާއި ކުޅުދުއްފުށީގެ ކައުންސިލަރެއްގެ މަގާމެއް ހިމެނޭހެން ހަ ކައުންސިލަރެއްގެ މަގާމު ގާނޫނީ ގޮތުން މާދަމާ ހުސްވާނެއެވެ. އެއީ:

  • ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު
  • މާލެ: ހުޅުމާލެ، މައްޗަންގޯޅި މެދު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރުން
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
  • ޅ. އަތޮޅު ކައުންސިލްގެ ރައީސް

މީގެ އިތުރުން ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް އިސްތިއުފާ ދެއްވުމުން އެ މަގާމު ވެސް ވަނީ ހުސްވެފައެވެ.

އެހެންވެ އެމްޑީޕީން ވަނީ މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ އެ ޕާޓީގެ އެންމެހާ މެންބަރުންނަށް މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލައިފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި ވެރިކަމާ ހަވާލުވުމަށް ފަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން ގިނަ ބައި-އިލެކްޝަންތައް ކާމިޔާބުކުރީ ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ. އެގޮތުން، މި މުއްދަތުގައި ބޭއްވި 20 ބައި-އިލެކްޝަންގެ ތެރެއިން 14 ބައި-އިލެކްޝަނެއް ސަރުކާރު ކޯލިޝަނުން ކާމިޔާބުކޮށްފައިވެއެވެ.