ޗައިނާ އާއި އިންޑިއާ ސަރުކާރާއެކު ކުރަމުންދާ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާ ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އެ އަދަދަށްވުރެ މަދު ނޫން އަދަދަކަށް ޑޮލަރުން ފައިސާ ދައްކައިގެން އިންޑިއާއިން ވެސް މުދާ ރާއްޖެ ގެންނަ ކަމަށެވެ.
އަދި އެ ދެ ގައުމުން ޖުމްލަ 1.5 ބިލިއަނެއްހާ ޑޮލަރުގެ މުދާ އަހަރެއްގެ ތެރޭގައި ރާއްޖެ އެތެރެކުރާ ކަމަށް ސައީދު ވިދާޅުވިއެވެ. އެއާއެކު އެ ގައުމުތަކުން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ގައުމުތަކުގެ ފައިސާއިން އެ އަދަދު ދެއްކޭގޮތް ހެދުމަށް މަޝްވަރާ ކުރައްވުމުންދާ ކަމަށާއި މި ބަދަލާއެކު ރާއްޖޭން މުދާ ގެނައުމަށް ހޭދަކުރާ ޑޮލަރުގެ ޑިމާންޑު ކެނޑިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދިވެހި ރުފިޔާ ބާރުގަދަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދެ ފަރާތާއި ވާހަކަ ދައްކަނީ އަޅުގަނޑުމެންނަށް އިންތިޒާމެއް ހަމަޖައްސަދޭށޭ މިސާލަކަށް ޗައިނާއިން ގެންނަން ބޭނުންވާ މުދަލަށް އެ މުދާ ގެންނަ ފަރާތަކުން އިންވޮއިސް ހޯދައިގެން ގެނައިމައި ދިވެހި ރުފިޔާއިން ބޭންކުތައް މެދުވެރިކޮށް އެ ބޭފުޅުންގެ ލޯކަލް ކަރަންސީއިން ފައިސާ ދެއްކޭނެ ގޮތް. އެއީ ޔޫއެސް ޑޮލަރުގެ ބަދަލުގައި." ސައީދު ވިދާޅުވިއެވެ.
މިފަދަ ބަދަލެއް ގެނެވިއްޖެނަމަ ޑޮލަރުގެ ޑިމާންޑު ދަށްވެ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސޯދަށްވެސް އޭގެ ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ދާދިފަހުން ރާއްޖެއިން ވަނީ ބީއެމްއެލް މެދުވެރިކޮށް ޗައިނާގެ ވީޗެޓް ޕޭގެ ހިދުމަތް ތައާރަފްކޮށްފައެވެ. މި ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ދެމެދު ވިޔަފާރިތައް ކުރުމަށް ފަސޭހަވެގެން ދާނެ އެވެ. ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
އަދި ހަމައެހެންމެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައިގައި ދާދި ފަހުން ވަނީ އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކާ ހަތް ބިދޭސީއެއް އަތުލައިގެން އެމީހުން ވަނީ ޑީޕޯޓް ކޮށްލަން ނިންމާފައެވެ. އިމިގްރޭޝަން އިން ވަނީ މި ފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ހިންގާނެ ކަމަށް ބުނެފައެވެ.