ނޮވެމްބަރު 3، 1988 ގައި ރާއްޖެ ހިފަން އައި، ވަކިވެ ގަތުމަށް ލަންކާގައި ހަނގުރާމަ ކުރަމުން ދިޔަ ތަމަޅަ ޓައިގަރުން، ބަލި ކުރި ލަންކާ ހަނގުރާމަ އަށް 15 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

ބޭރުގެ އެހިއާއެކު ލަންކާ ސަރުކާރުން ކުރި ހަނގުރާމައިގައި ތަމަޅައިން ބަލި ކުރުމަށް ބޮޑު ލޭ އޮހޮރުވުމެއް ހިންގާ، ތަމަޅައިންގެ ލީޑާޝިޕްގެ އެންމެން މަރާލި ހާދިސާގެ ހަނދާންތައް އާ ކުރުން މީގެ ކުރިން މަނާ ކޮށްފައި އޮތް ނަމަވެސް މިހަފަރު ތަމަޅަ އާއިލާތަކުން އެ ހަނދާންތައް އާކުރީ ހިތާމައާއި ހިތްދަތި ކަމުގެ ދުވަހެއްގެ ގޮތުގައެވެ.

ތަމަޅަ އާއިލާތައް ދިރިއުޅޭ މުއްލިވައިއްކަލް ގައި އެ ދުވަސް ފާހަގަ ކުރަމުން ދިޔަ އިރު ލަންކާ ސަރުކާރުގެ ބާރުތަކުން ގެންދިޔައީ ސަވައިލަންސް ނިޒާމުތަކުން ބަލައި ފާރަވެރިވަމުންނެވެ.

މީގެ ކުރިން އައި އަހަރީ ދުވަސްތަކުގައި ހަނދާންތައް އާކުރުމަށް ކުދިކުދި އެއްވުންތައް ބޭއްވި ނަމަވެސް ލަންކާ ސަރުކާރުން އެ އެއްވުންތައް ހުއްޓުވައި އެތައް ބަޔަކު ހައްޔަރު ކޮށް ހަދާފައި ވެއެވެ.

އދ ގެ އިދާރާތަކުން ބުނާގޮތުން 2009 ގެ އެ ހަނގުރާމައި ޓެމިލް ދަރިކޮޅުގެ 40،000 އެއްހާ އާންމުން ވަނީ މަރުވެފައެވެ.

މިފަހަރު ބޭއްވި ހަނދާން އާ ކުރުމުގެ ހަރަކާތްތަކުގައި އެމްނެސްޓީ އިންޓަނެޝަނަލްގެ ޗީފް އެންގަސް ކެލަމާޑް ބައިވެރިވެފައި ވާ އިރު އެމްނެސްޓީ އަކީ ތަމަޅަ ހަނގުރާމައިގައި ލަންކާ ސަރުކާރުން އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގި ކަމަށް މިއަދުވެސް ބުނަމުން ދާ ޖަމާއަތެކެވެ. އެމީހުން ބުނާގޮތުން އެ ހަނގުރާމަ އާ ގުޅޭ މިނިވަން ތަހުގީގެއް ހިންގުމަށް އެކިއެކި ފަރާތްތަކުން ލަންކާ ސަރުކާރަށް ޕްރެޝަރު ކުރި ނަމަވެސް އެކަމަށް ސަރުކާރުން ފުރުސަތު ދީފައެއް ނުވެއެވެ.

ލަންކާގެ ބޭރުން ތަމަޅައިންގެ ބޮޑެތި މީހުން ނުވަތަ ވިޔަފާރިވެރިން ގިނައިން ދިރިއުޅޭ ކެނެޑާއިން ވަނީ މެއި 18 އަކީ ތަމަޅައިންނާ ދެކޮޅަށް ގަތުލުއާންމު ހިންގި ދުވަސް ކަމުގައި ބަލައިގަނެ އެ ދުވަސް އެގައުމުގައި ފާހަގަ ކުރުމަށް ހުއްދަ ދީފައެވެ.

ކެނެޑާ އަކީ އިންޑިއާ ދަރިކޮޅުގެ ގިނަ ބަޔަކުވެސް ވަޒަންވެރިވެގެން އުޅޭ ގައުމެކެވެ. އިންޑިއާ ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރާ ހާލިސްތާންގެ އިސްވެރިންވެސް ވަޒަންވެރިވެގެން އުޅެނީ ކެނެޑާގައެވެ.

ތަމަޅަ ހަނގުރާމައިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ މެއި 18 އަކީ ތަމަޅައިންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން ވެސް މަރާލި ދުވަހެވެ.

ލުތުފީ (ކ) އަދި ސަރަގު ނާސިރު ހިފާ ހައްޔަރު ކޮށްފައި --- ފައިލް

މި ޕްރަބާކަރަން ލަންކާ ސަރުކާރާ ދެކޮޅުވެ ވަކި ޖަމާއަތެއް އުފަންކޮށް މިނިވަންކަމަށް ހަނގުރާމަ ފެށީ 1972 ގައެވެ. އޭނާ އިސްވެ އެ ޖަމާއަތް ހިންގި އިރު 1988 ގައި ދިވެހިންގެ މަދުބަޔާ ގުޅިގެން މާލެ ހިފަން އައި ޓީމުގައި ވެސް ތަމަޅައިން ހިމެނެއެވެ. އެ ހާދިސާގައި ދިވެހިންގެ ތެރެއިން 19 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. އެ ހާދިސާ ހިންގުމުގައި ތަމަޅައިންގެ 80 މީީހަކު ރާއްޖެ އައި އިރު ދިވެހިންގެ ތެރެއިން ވާގިވެރިވުމުގައި އިސްކޮށް ތިބީ އަބްދުﷲ ލުތުފީއާއި އަހުމަދު ނާސިރު (ސަގަރު ނާސިރު) އެވެ. މި ދެމީހުންވެސް މިހާރު ވަނީ މިނިވަން ވެފައެވެ.