ޓެކްނޮލޮޖީ ލިޔަންކިޔަން ނުދަތުން މިހާރު ނައްތާލަން ޖެހޭ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ.
އާދަމް ޝަރީފް ވިދާޅުވީ މި އަހަރުގެ މުވާސަލާތީ ދުވަސް އިއްތިފާގުން ދިމާވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތަށް 6 މަސް ފުރޭ ދުވަހާ ކަމަށާއި ވުމާއެކު ރައީސް މުއިއްޒުގެ ޒައާމަތުގައި ދިވެހި ގައުމަށް ލިބެމުންދާ ކުރިއެރުންތަކަށް ޓަކައި އެ މަނިކުފާނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުވާސަލާތީ ވަސީލަތްތަކުގެ ތެރެއިން އީޖާދީ ގޮތް ތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި ގައުމެއް ކުރިއެރުވުމަށް އެންމެ ބޮޑަށް ބަރޯސާވާ އަދި ބާރު ވެރިކުރުވާ އެންމެ މުހިއްމު ވަސީލަތަކީ މިއަދު އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކަމަށެވެ.
ދިވެހި ރާއްޖެއަކީ މިހާރު ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ބެލެވޭ ގައުމަކަށްވާއިރު އެންމެ ކުޑަކޮށް ތަރައްގީވެފައި ހުރި ގައުމުތަކަށް ހުރި ގޮންޖެހުންތައް އަދިވެސް ރާއްޖެއަށް އެބަހުރި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ކުދި ރަށްތަކެއްގެ މައްޗަށް މި ރާއްޖެ އެކުލެވިފައި ވާތީ ރަށްރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަކީ ތަރައްގީއަށް ހުރި ހުރަސްތަކެއް ކަމަށާއި އީޖާދީ ގޮތްތަކަށް ޓެކްނޮލޮޖީ އެހީއާއެކު ރާއްޖޭގެ ރަށްތަކުގެ އެކަހެރިކަން ކުޑަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް މުވާސަލާތީ ވަސީލަތްތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން ޖެހޭ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިންފޮމޭޝަންއާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ތައާރަފްވަމުން އައި ދުވަސްވަރުގައި އެ ވަސީލަތްތަކުގެ ބޭނުންކުރުމަކީ އިހުތިޔާރެއް ނުވަތަ ޗޮއިސްއެއް ކަމުގައި ވިޔަސް ޑިޖިޓަލް ޓެކްނޮލޮޖީއާ ނުލާ ދިރި ނޫޅެވޭ މިންވަރަށް އެ ވަސީލަތް ވަނީ ދިރިއުޅުމާ ގުޅި ލާމެހިފައި ކަމަށާއި މިއަދު ވަރަށް ގިނަ ކަންކަން މި ކުރަނީ ޑިޖިޓަލްކޮށް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިންސާނީ ސިކުނޑިން ނޫނީ ނުކުރެވޭނެ ކަމަށް ހީކުރި އެތައް ކަމެއް އާޓިފިޝަލް އިންޓަލިޖެންސް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށެވެ. އަިދ މި ފަދަ މިންވަރަކަށް ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު މުޖުތަމައު ކޮންމެ ފަރުދަނީވެސް ޓެކްނޮލޮޖީއަށް އަހުލުވެރި މީހަކަށް ވާން ޖެހޭ ކަމަށާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގުތައް ޒުވާން ޖީލުތަކާ އެއްގޮތަށް ދޮށީ އުމުރުގެ މީހުންނާއި ހުރިހާ ގިންތިތަކަށް މިންތީގެ ތަފާތުކުރުމެއް ނެތި ފަހިވާން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ 1980 ގެ އަހަރުތަކުގައި ލިޔަންކިޔަން ނުދަތުން ނައްތައިލި ގޮތަށް ޓެކްނޮލޮޖީ ލިޔަންކިޔަން ނުދަތުން މިހާރު ނައްތައިލަން ޖެހިފައިވާ ކަމަށެވެ.