ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީ ފަންޑުން 150 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވީއައިއޭ ތަރައްގީކުރުމަށް ދޭ ލޯނު އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާ ބިން އަބްދުލް ރަހްމާން އަލް މަރްޝަދެވެ.

މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމާއި ތަރައްގީ ކުރުމަށް އެސްއެފްޑީއިން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ދިނުމަށް ހަމަޖެހިފައި ވަނީ 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމަށް ދިނުމަށް ހަމަޖެހިފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކު އެއާޕޯޓް ތަރައްގީ ކުރެވުމުން އިތުރު ހިދުމަތް ދެވޭ ފަސިންޖަރުންގެ ކެޕޭސިޓީ އިތުރު ވާނެ ކަމަށެވެ. އަދި ވިޔަފާރީގެ ދާއިރާގެ އިތުރުން ފަތުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާއިރު، މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަައި ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕާ ހަވާލު ކުރި މަޝްރޫއެކެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

މިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ. އެގޮތުން ކުވައިތު ފަންޑު، އަބޫ ދާބީ ފަންޑު، އޯޕިޑް، އަދި ސައުދީ ފަންޑުން ވަނީ ފައިސާ ހަމަޖައްސާދީފައެވެ. މި ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.